ޚަބަރު

ފަލަސްޠީނުގެ ދިފާޢުގައި ދިވެހީން، ގޮވާލީ އިސްރާޢީލު މީހުން އެތެރެވިޔަ ނުދިނުމަށް


  • ހިނގާލުން އިންތިޒާމްކުރީ ރައިޓް މޫވްމަންޓުން

  • ކުޑަކުދިންނާއި އެކި އުމުރުގެ ގިނަ ބަޔަކު ބައިވެރިވިރި

  • ފަލަސްޠީނުގެމިނިވަންކަމަށް އަޑުއުފުލި

  • އިސްރާއީލު މީހުން އަޔަ ނުދިނުމަށް ގޮވާލި

  • ޚާއްޞަ ދުޢާއެއް ކުރި

ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް ހޯދައިދިނުމަށާއި، އިސްރާޢީލުގެ މީހުން ރާއްޖެ އަޔަ ނުދިނުމަށް ގޮވާލާ އެތަށް ސަތޭކަ ބަޔަކު މާލޭގައި ބޭއްވި ހިނގާލުމުގައި އަޑުއުފުލައިފިއެވެ. ސުލްޙަވެރި މި ހިނގާލުން އިންތިޒާމުކޮށްފައިވަނީ އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ، ރައިޓް މޫވްމަންޓްގެ ފަރާތުންނެވެ.

ރައިޓް މޫވްމަންޓްގެ ފަރާތުން ކުރިއަށްގެންދިޔަ މި ހިނގާލުން ކުރިއަށްދަނީ މާލޭގެ ސޯޝަލް ސެންޓަރު ސަރަޙައްދުން ފަށައިގެން، ހެންވޭރު އަރޓިފިޝަލް ބީޗަށެވެ. މި ހިނގާލުމުގައި ކުޑަކުދިންނާއި ޒުވާނުން ހިމެނޭހެން، ހުރިހާ ޢުމުރުފުރައިގެ މީހުން ބައިވެރިވެއެވެ.

މި ހިނގާލުމުގެ އެއް މަޤުޞަދަކީ ފަލަސްތީނުގެ މިނިވަންކަމަށް މުޅި ދިވެހިރާއްޖެ އަޑުއުފުލާކަން ހާމަކޮށްދިނުމެވެ.

މި ހަރަކާތް އިންތިޒާމްކުރި ރައިޓް މޫވްމަންޓްގެ ފައުންޑަރ ނަފްޢަތު ނަޖީދު ބުނީ، މި ހިނގާލުމުގުގެ އެއް ބޭނުމަކީ އިސްރާޢީލުން ދެމުންދާ ޙަމަލާތަކުގައި އެތަށް ގެއްލުންތަކާއި ކުރިމަތިވަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކޮށްދެމުންދިނުންކަމަށެވެ. އަދި ޔަހޫދީ އިސްރާޢީލްގެ ރައްޔިތުން މި ގައުމަށް އެތެރެވުން ހުއްޓާލަށް ދިވެހިން ބޭނުންވެފައި ތިބި މިންވަރު، ސަރުކާރާއި ހަމައަށް ފޮރުކޮށްދިނުންވެސް މުހިންމު ކަމެއްގެ ގޮތުގައި މި ހިނގާލުމުގެ ތެރެއިން ގޮވާލަމުންދިޔަކަން ނަފްޢަތު ފާހަގަކުރެއްވިއެވެ.

"އެންމެ މުހިންމު ގޮވާލުމަކީ އިސްރާއީލްގެ ޕާސްޕޯޓް "ބޭން"ކުރަން ސަރުކާރަށް ސުލްހަވެރިކަމާއެކު ގޮވާލުން. މިއީ މުސްލިމު ޤައުމެއްގެ ގޮތުގައި މިވަގުތަށް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެން. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އަޑުއުފުލުން." ނަފްއަތު ބުނެފައިވެއެވެ.

މި ހިނގާލުމުގެ ބައިވެރިންވަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާފައެވެ. ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް، މިކަމުގައި އަޑުއުފުލާ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަން ހިނގާލުމުގެ ބައިވެރިން ފާހަގަކުރިއެވެ. އަދި މި އަޑު މުޅި ދުނިޔެއަށް އިއްވާނެކަންވެސް ބައިވެރިން ގޮވާލަމުންދިޔައެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް ނިކަމެތިކަންދެމުންދާ ބަޔަކު މި ރާއްޖެ އަންނާކަށް ބޭނުމެއް ނުވޭ. މި ހަނގުރާމަ ހުއްޓި، ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމެއް ހޯދުމަށް އަޑުއުފުލާ މި ގޮވާލަނީ." ހިންގާލުމުގައި ބައިވެރިން ފާހަގަކުރިއެވެ.

މި ހިނގާލުމުގެ ބައިވެރިންވަނީ ފަލަސްތީނުގެ ދިދައާއި، އެމީހުންގެ ޝުޢޫރުތައް ހިމެނޭ ބެނާތައް ވިހުރުވާފައެވެ. އަދި ޕޯސްޓަރުތަކާއި، އިނގިރޭސި އަދި ޢަރަބި ބަހުން ލިޔެފައިވާ ލިޔުންތަކާއެކު، މުޅި ދުނިޔެއަށް ވަނީ މެސެޖުތަކެއް ރައްދުކޮށްފައެވެ. ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދޭ ހެދުމާއި، ފޮތިތަށް ބޭނުންކޮށްގެން ބޭއްވި ހިނގާލުމުގެ ބައިވެރިން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ދުޢާކޮށްފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. މި ޙަމަލާތަކުގައި 4000އަށްވުރެ ގިނަ ފަލަސްތިނުގެ ރައްޔިތުން މިހާތަނަށް ޝަހީދުކޮށްލާފައިވެއެވެ.

މާލެ ހިމެނޭހެން އަތޮޅުތަކުގެ ރަށްރަށުގައިވެސް، މި ޙަމަލާތައް ކުއްވެރިކޮށް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ދަނީ އަޑު އުފުލަމުންނެވެ. އަދި ފަލަސްތީނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ފަންޑުތައް ހުޅުވާ ދަނީ އެހީ ހޯދަމުންނެވެ.

މީމު

އެހެން ހަދަން ޖެހޭނީ. ދިވެހިންގެ ލަގޮޑިއަކަށް ކެތެއް ނުކުރެވޭނެ. އަދި ރުޅިވެސް އާދެވޭނެ. ޔަހޫދީން އުފެފުމުގައި ވެސް ނުބައި، ކުރިން ވެސް ނުބައި، މިހާރުވެސް ނުބައި.