ޚަބަރު

ރަޝިޔާގެ ލެވްރޮފް އުތުރު ކޮރެޔާއަށް، ހަތިޔާރު ގަންނަން މަޝްވަރާ ކުރައްވާނެ


ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް އުތުރު ކޮރެޔާއަށް ވަޑައިގަންނަވައިފިއެވެ. އޭނާ އެ ޤައުމަށް ވަޑައިގަންނަވާފައި މި ވަނީ، އުތުރު ކޮރެޔާއާ އެކު އަސްކަރީ އަދި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ދެކޮޅަށް އެމެރިކާއިން އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އޭނާ އުތުރު ކޮރެޔާގެ އިސްވެރިންނާ މަޝްވަރާ ކުރައްވާނެއެވެ.

އޭނާގެ ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އުތުރު ކޮރެޔާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ކަންކަން ވިލަރެސް ކުރެއްވުމެވެ. އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ވެސް ވަނީ ދާދިފަހުން ރަޝިޔާއަށް ގޮސްފައެވެ. އޭނާ ވެސް ރަޝިޔާއަށް ގޮސްފައި ވަނީ އެމެރިކާގެ އިންޒާރުތަކަށް ގޮންޖެހުމަށް ފަހުއެވެ.

ރަޝިޔާއާއި އުތުރު ކޮރެޔާއިން ގުޅުން ބަދަހި ކުރުމަކީ އެމެރިކާއިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެކެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ހަނގުރާމަ ފެށުމާ ގުޅިގެން އެމެރިކާއިން އިސްވެ ރަޝިޔާއާ ދެކޮޅަށް ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެއާ އެކު، ރަޝިޔާއަށް ވަނީ ހަތިޔާރާއި އަސްކަރީ ސާމާނު ހޯދަން ދަތިތަކެއް ކުރިމަތިވެފައެވެ.

މި ކަމާ ގުޅިގެން ރަޝިޔާއިން ދަނީ އެމެރިކާއާ ނުރުހޭ ޤައުމުތަކާ ގުޅުން ބަދަހި ކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާއާއި އުތުރު ކޮރެޔާ ހިމެނެއެވެ. އުތުރު ކޮރެޔާއަކީ ވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ. ރަޝިޔާއިން މަސައްކަތް ކުރަމުން ދަނީ އުތުރު ކޮރެޔާއިން ހަތިޔާރު ގަންނާށެވެ. އެއީ، އުތުރު ކޮރެޔާއަށް ވެސް ބޮޑެތި ފައިދާތަކެއް ލިބޭނެ ވިޔަފާރިއެކެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އުތުރު ކޮރެޔާއިން 1,000 ކޮންޓެއިނަރުގެ ހަތިޔާރާއި އަސްކަރީ ސާމާނު ރަޝިޔާއަށް ފޮނުވާފައިވާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ. ރަޝިޔާއާއި އުތުރު ކޮރެޔާއިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް އެންމެ ހަރު އަޑުން އަޑު އުފުލަމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާއިން ބުނަނީ، އުތުރު ކޮރެޔާއިން ގަންނަ ހަތިޔާރު ރަޝިޔާއިން ބޭނުން ކުރާނީ ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ކަމުގައެވެ. މި ކަމާ ހުޅަނގުގެ އެހެން ބާރުތަކުން ވެސް ދެކޮޅު ހަދައެވެ. ނަމަވެސް، ފާހަގަ ކޮށްލަން ޖެހޭ ހަޤީޤަތަކީ، އެމެރިކާއިން ހައްދެއް ނެތް މިންވަރަކަށް ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދެމުންދާ ކަމެވެ. ހުސްވި ހަފުތާގައި ވެސް އެމެރިކާއިން ވަނީ އެ ޤައުމުގައި އުފައްދާ "އަބްރާމްސް" މަރުކާގެ 31 އަސްކަރީ ޓޭންކު ޔޫކްރެއިނަށް ފޮނުވާފައެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 604 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ.

ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ފަށާފައިވާ ކައުންޓަރއޮފެންސިވްގައި ޔޫކްރެއިންގެ ފައުޖުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް، ޔޫކްރެއިނުން ދަނީ ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި، އިރުމައްޗާއި ދެކުނުގައިވާ ޒަޕޮރީޜިޔާ ހިމެނޭ ސަރަޙައްދުގެ ބައެއް ރަށްތަކާއި އަވަށްތައް ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކައުންޓަރއޮފެންސިވް ކުރިއަށް ގެންދިޔުމުގައި ޔޫކްރެއިނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ޤައުމަކީ އެމެރިކާއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ހަތިޔާރާއި އަސްކަރީ އެހީގެ އަގު މިހާރު 43 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.