ޚަބަރު

މިއަދާއި މާދަމާވެސް އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް


  • ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދު ވައިޖެހޭނެ

  • ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓުގައި

  • ވިއްސާރައިން ލިބިދާނެ ގެއްލުމަށް ދުރާލާ ރައްކާތެރިވުން މުހިއްމު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

އެ އިދާރާއިން ވިދާޅުވީ މިއަދާއި މާދަމާވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓްއޮފީހުން ލަފާކުރައްވައެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.

އެ އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ށ. ފުނަދޫއަށެވެ. އެ ރަށަށް 50.4 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ދެން އެންމެގިނައިން ވަރޭވެހިފައިވަނީ ށ.ކޮމަންޑޫއަށެވެ. އެއީ 28.9 މިލިމީޓަރުގެ ވާރެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ހުޅުލެއަށް 24.5 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް ބޯކޯށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް އަންނަނީ ލިބެމުންނެވެ. އަދި އެފަދަ ހާދިސާތަކާގުޅިގެން ޑިޒާސްޓާ މެނޭޖްމެންޓާއި އެމްއެންޑީއެފުން ދަނީ އެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް ވާރޭވެހި ފެންބޮޑުވެގެން ދިމާވެދާނެ ގެއްލުމަށް ކުރިއާލާ ރައްކާތެރިވުން މުހިއްމުކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.