ޚަބަރު

ބްރިޖްގެ ހުޅުލޭ ސައިޓްގެ މަސައްކަތްތައް ފަށައިފި


އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ހުރަސް ނޭޅޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސެވުމަށްފަހު، ބްރިޖްގެ ހުޅުލޭ ސައިޓްގެ މަސައްކަތްތައް ފަށްޓަވާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލެ އާއި ހުޅުލެއާއި ދެމެދު އަޅުއްވާ ބްރިޖްގެ މަސައްކަތް ތިން ސައިޓެއްގައި ކުރިއަށްގެންދާއިރު، ހުޅުލޭ ސައިޓްގައި މަސައްކަތްތައް ކުރިއަށްދަނީ އެކަމަށް ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަންގަވައިގެންކަމަށެވެ. އެގޮތުން ބްރިޖްގެ މަސައްކަތުގެ ސަބަބުން އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ހުރަސް ނޭޅޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސައްކަތްތައް ކުރިއަށްދާނީ ދަންވަރު ބާރައިން ފެށިގެން ފަތިހު ހަތަރަކާ ދެމެދު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބްރިޖްގައި މިވަގުތު ކުރިއަށްދަނީ ފައުންޑޭޝަންތައް އެޅުމަށް ބޭނުންވާ ޕްލެޓްފޯމްތައް ހެދުމުގެ މަސައްކަތެވެ. މިހާރުވެސް 390 މަސައްކަތްތެރިން ހަރަކާތްތެރިވާއިރު، ބްރިޖްގެ މަސައްކަތް ކުރުމަށް 900 މަސައްކަތްތެރިން ގެނައުމަށް ކޯޓާ ދެއްވާފައިވާ ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ ޢަމަލީ މަސައްކަތުގެ ތެރެއިން ފައުންޑޭޝަންގެ މަސައްކަތްތައް ޖުލައި މަހުގެ ތެރޭގައި ފެއްޓެވުމަށް ހަމަޖެހިފައިވާއިރު، ފައުންޑޭޝަންތަކުގެ މަސައްކަތާއެކު، ތަނބު ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ބްރިޖްގެ ކޮންޓްރެކްޓަރ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން އާއި ހަވާލާދީ ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ކަނޑައަޅުއްވާފައިވާ މުއްދަތުގައި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ބްރިޖްގެ ޢަމަލީ މަސައްކަތް 2018 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމެވުމެވެ.