ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަޤާމަށް ވާދަކުރައްވާނެކަން، މީގެ ކުރިންވެސް އެ މަޤާމު ފުރުއްވި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ތޯރިގު (ޓޮމް) އިޢުލާން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ޓޮމް، އެފްއޭއެމުގެ ރައީސްގެ މަޤާމުގައި މަސައްކަތްކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. އެކަމަކު އެ މަޤާމުގައި ޓޮމް މަސައްކަތްކުރައްވާފައިވަނީ ހަތަރު މަހަށްވުރެ ކުރު މުއްދަތަކަށެވެ.
އެގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓޮމް އާއެކު އިންތިޚާބުވި ހިންގާ ކޮމިޓީގެ ފަސް މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް އައު އިންތިޚާބެއް ވަނީ ބާއްވާފައެވެ. އެ އިންތިޚާބުގައި ޓޮމްއާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ މިހާރު އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އެފްއޭއެމުގެ ރައީސްގެ މަޤާމަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޓޮމް ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށާއި، ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެފްއޭއެމުގެ ރައީސްގެ މަޤާމަށް ޓޮމް ވާދަކުރައްވާއިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެ މަޤާމަށް ވާދަކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ޕޯސްޓުތަކެއް ދައުރުވަމުންނެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ދަގަނޑޭ އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ބައްސާމް ދެވަނަ ދައުރެއް ފުރިހަމަކުރައްވަމުން އަންނައިރު، ދިވެހި ފުޓްބޯޅައިގެ ހާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ އިދާރާގެ ދަރަނީގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
އެއާއެކު އެފްއޭއެމްގެ ނައިބު ރައީސްގެ މަޤާމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރުކަމުން ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލް އިސްތިއުފާ ދެއްވާފައިވާއިރު، އެ އިދާރާގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ތެރޭގައެވެ.