ޚަބަރު

މަދުވެގެން އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރާނަން: އިންތިޚާބީ ރައީސް


  • މިހާރުވެސް ރާއްޖޭގައި 16 ޑޮމެސްޓިކް އެއަރޕޯޓް އެބައޮތް

  • މަދުވެގެން 13 ޑޮމެސްޓިކް އެއަރޕޯޓް އަންނާނެކަމަށް

  • އެންމެ މުހިންމީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށްކަމަށް

  • ދެކުނުގައި ސީޕްލޭން ހަބެއް ޤާއިމްކުރައްވާނެކަމަށް

މަދުވެގެން އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓް ތަރައްްޤީކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމްކުރި ޖީއެމް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރެއްވުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސްވުރެކެވެ. އެ ތަސައްވުރު ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ދަތުރުފަތުރަށް އޮތް ދަތިތަށް ދެނެގަނެ، އައު ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުމަކީ މި ސިނާއަތް ކުރިއެރުވުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. އަދި ރާއްޖޭގައި ދަތުރުފަތުރު ކުރުމަށް ރައްޔިތުން އޮތް ތަކުލީފުތަކަށް ނިމުން ގެނައުމަކީ އެމަނިކުފާނުގެ ސިޔާސަތެކެވެ.

ރާއްޖޭގެ މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް އެބައޮތެވެ. ނަމަވެސް އޭގެތެރެއިން ބައެއް އެއަރޕޯޓުތަކަށް އުދުހުންތައް އޮންނަނީ ވަރަށް މަދުންނެވެ. އެތަންތަނުން އެދެވޭ ފައިދާއެއް ނެރެވޭނީ އެސަރަހައްދުގައި ފަތުރުވެރިކަން ފުޅާކޮށްގެންކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި އިންތިޚާބީ ރައީސް ވިދާޅުވަމުންގެންދެވިއެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރައްވާނެކަމުގެ ޔަޤީންކަން ރިޔާސީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މިއަހަރުގެ ޖީއެމް ފޯރަމް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު އަވަހަށް ނިންމުމާއެކު، ޑޮމެސްޓިކް އިތުރު އެއަރޕޯޓްތަކެއް ތަރައްޤީކުރައްވާނެކަމަށެވެ. އެގޮތުން މަދުވެގެން 13 ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރައްވާނެކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ދެކުނުގައި ސީޕްލޭން ހަބެއްވެސް ޤާއިމްކުރައްވާނެކަމަށެވެ.

"އައު އަދި ޒަމާނީ ގޭޓްވޭއާއެކު، މަދުވެގެން އައު 13 ޑޮމެސްޓިކް އެއަރޕޯޓް އަންނާނެ. އަދި ދެކުނުގައި ސީޕްލޭން ހަބެއް ތަރައްޤީކުރެވޭނެ. ޖުމްލަކޮށް ޤައުމީ ގުޅިފައިވާ ދަތުރުފަތުރާއެކު ފަތުރުވެރިކަން ފުޅާވެ، އިތުރު ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ބެޑް ކެޕޭސިޓީ އިތުރުވާނެ." އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރައްވައި، "ވައިޑް ބޮޑީ އޮޕަރޭޝަންސް" އަލުން ފައްޓަވާނެކަމަށްވެސް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ. މޯލްޑިވިއަންއާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކުރައްވައި ދެ ކުންފުންޏަކީ ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް، އަދި ޖުމުލަ ގޮތެއްގައި މުޅި ދިވެހި އިޤްތިޞާދަށް ފައިދާކޮށްދޭ ދެ ކުންފުންޏަށް ހައްދަވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފުޅާކުރެއްވުމުގެ އިތުރަށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
މިއަދުވެސް ފަތުރުވެރިކަމުގެ ސަބަބުން އެތައް ޢާއިލާތަކެއްގެ ދިރިއުޅުން އުފުލައިދީފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިޔުން ފުޅާކޮށް، ޞިނާޢަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ޞިނާޢަތަކަށް ހެއްދެވުމަށް އުއްމީދުކުރައްވާކަމަށެވެ. މިގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަ ރިޓަޔަރމަންޓް ސްކީމެއް ތަޢާރަފްކުރެއްވުމަށާއި އެ ފަރާތްތަކަށް ޚާއްސަ ސޯޝަލް ހައުސިން ސްކީމެއް ތަޢާރަފްކުރުމަށް ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރެއްވިއެވެ.