ވިޔަފާރި

ރާއްޖޭގެ 3 ސަރަހައްދެއްގައި ބަހުގެ ޚިދުމަތް ދިނުން


ރާއްޖޭގެ ތިން ސަރަޙައްދެއްގައި ސްކޫލް ބަސް އަދި އާއްމު ބަހުގެ ޙިދުމަތް ދިނުމަށް ހުޅުވާލި ފުރުޞަތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހަމައެކަނި އެމްޓީސީސީން ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މައުލޫމާތު ދެއްވިގޮތުގައި މާލެ، ހދ.ކުޅުދުއްފުށި އަދި ގދ.ތިނަދޫގައި ސްކޫލް ބަސް އަދި އާއްމު ބަހުގެ ޙިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވި އިރު ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ހަމައެކަނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ކަމަށެވެ.

އަދި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވުމުން އެ މަޝްރޫއާއި އެކު ކުރިއަށް ދާނެ ގޮތެއް ނިންމުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ހުށަހަޅާފައިވާ ކަަމަށާއި އެގޮތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތަށް ތަފްސީލީ ޕްރޮޕޯސަލެއް ހުށަހެޅުމުގެ ފުރުސަތު ދޭނީ ތޯ ނުވަތަ އަލުން އިއުލާން ކުރާނީ ތޯ އާއި މެދު ގޮތެއް ނިންމުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި އެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

ބަހުގެ ޙިދުމަތް ރާއްޖޭގެ ތިން ސަރަޙައްދަކަށް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.