ވިޔަފާރި

ޕްރިމިއަމް ޓެކްސީގެ ޚިދުމަތް ދޭނެ ފަރާތްތައް ހޯދުން


ޓެކްސީ ދަތުރަށް ދައްކަންޖެހޭ ފައިސާ ކޭޝްކާޑު ބޭނުންކޮށްގެން ދެއްކޭނެ ޚިދުމަތާއެކު މާލެއާއި ހުޅުމާލޭގައި ޕްރިމިއަމް ޓެކްސީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. 

ޕްރިމިއަމް ޓެކްސީގެ ޚިދުމަތް މާލެ އަދި ހުޅުމާލޭގައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފާޅުކުރުމުގެ ފުރުޞަތު ކުރިން ހުޅުވާލާފައިވަނީ މާރޗް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، އެހެންނަމަވެސް އެމިނިސްޓްރީން މިހާރު ވަނީ އަންނަ މަހުގެ ފަހެއްގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްދީފައި މިވަނީ އިންފޮމޭޝަން ސެޝަނަށް ވަޑައިގެންނެވި ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ. މިހާރު ރާއްޖޭގައި ދެމުންގެންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރައްވައި، ޓެކްސީތަކަކީ ތިމާވެއްޓާއި ރައްޓެހި އެއްޗަކަށް ހެއްދެވުމަށް ތަޢާރަފްކުރައްވާ ޕްރިމިއަމް ޓެކްސީގެ ޚިދުމަތުގައި ބޭނުންކުރާ ޓެކްސީއަކީ ހައިބްރިޑް ނުވަތަ އިލެކްޓްރިކް ޓެކްސީތަކަކަށް ވާން ޖެހެއެވެ.

އަދި ޕްރިއަމް ޓެކްސީތައް ހުންނަންޖެހޭނީ ސަރުކާރުން ކަނޑައަޅާ ޑިޒައިންއާއި އެއްގޮތަށްކަމަށާއި މިޓެކްސީތަކުގައި ކޭޝް ކާޑު ބޭނުންކުރެވޭ ޚިދުމަތުގެ އިތުރުން މީޓަރު ހަރުކުރެވިފައި ހުންނަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.