ކުޅިވަރު

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔޯހަން ކްރައިފް މަރުވެއްޖެ


ނެދަރލެންޑްސް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔޯހަން ކްރައިފް އުމުރުން 68 އަހަރުގައި މަރުވެއްޖެއެވެ. 

ބާސެލޯނާއާ އަޔެކްސްއަށް ކުރިން ކުޅުނު ޔޯހަން ކްރައިފް މަރުވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ޔޯހަން ކްރައިފްއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދި ކުޅުންތެރިއެކެވެ. ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ޔޯހަން ކްރައިފް ވަނީ ނެދަރލެންޑްސް 1974ވަނަ އަހަރުގެ ވަރލްޑްކަޕް ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ޔޯހަން ކްރައިފް ފާހަގަވެގެންދިޔައީ މޮޅު ކޯޗެއްގެ ގޮތުގައެވެ. އޭނާ ވަނީ އަޔެކްސްއާއި ބާސެލޯނާއަށް އިރުޝާދު ދީފައެވެ. ޓޯޓަލް ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުކަން ހޯދި ޔޯހަން ކްރައިފް ވަނީ އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާއަށް ސްޕެނިޝް ލީގު ހަތަރު ފަހަރު ހޯދަދީފައެވެ. މީގެ އިތުރުން ނަވާރަ 1992 ވަނަ އަހަރު ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކޮށްދިނީ ޔޯހަން ކްރައިފްއެވެ.

img:http://s2.psmnews.mv/images/660x400/14588262443650.jpg|

މިހާރުގެ ފުޓްބޯޅަ ކުޅޭ ގޮތް އެންމެ ބޮޑަށް ބަދަލު ކުރި އެކަކަށް ވެފައިވަނީ ޔޯހަން ކްރައިފްއެވެ. ޕާސިންގ ގޭމަކަށް ޓީމް ބައްޓަންކޮށް ކުޅުވަން ފެށި ޔޯހަން ކްރައިފް ވަނީ އޭނާ ބާސެލޯނާގެ ކޯޗް ކަމާ ހަވާލުވި އަހަރު ޕެޕްގާޑިއޯލާ ފަދަ ކުޅުންތެރިން އެޓީމަށް ގެނެސްފައެވެ. ބާސެލޯނާ އެކަޑަމީގައި ކުޅުންތެރިން ތަމްރީންކޮށް މޮޅު ހުނަރު ހުރި ކުޅުންތެރިން އުފެއްދި މޭސްތިރިއަކީވެސް ނެދަރލެންޑްގެ ޔޯހަން ކްރައިފްއެވެ.