ޚަބަރު

ސީއެޗްއެސްސީގެ ކުރީގެ އިމާރާތް އަމީނިއްޔާއަށް، އަންނަ އަހަރު އަމީނިއްޔާ އެއް ދަންފަޅިއަށް


  • އަމީނިއްޔާ ސްކޫލްގައި މިހާރު ކިޔަވައިދެމުން ދަނީ 2 ދަންފަޅިއަށް

  • ސީއެސްއެސްސީގެ ކުރީގެ އިމާރާތް މަރާމާތު ކުރާނެ

  • އަންނަ ޖެނުއަރީން ފެށިގެން އަމީނިއްޔާ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރާނެ

ސީއެޗްއެސްސީ ކުރިން ހިންގި އިމާރާތް އަމީނިއްޔާ ސްކޫލްއަށް ދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އަމީނިއްޔާއަށް ދެއްވުމަށް ނިންމެވި ސީއެޗްއެސްސީގެ އިމާރާތަކީ އެ ސްކޫލާއި އިންވެގެން ހުންނަ އިމާރާތެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން އަމީނިއްޔާ ސްކޫލްގެ ކިޔެވުންވެސް އެ ދަންފަޅިއަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާ މިއަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުމާއެކު އަމީނިއްޔާ ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސީއެޗްއެސްސީ ހިންގަމުން ދިޔަ އިމާރާތް އަމީނިއްޔާ ސްކޫލްއަށް ދެއްވުމަށް ނިންމަވާފައިވަނީވެސް އެ ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައިކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަމީނިއްޔާ ސްކޫލްއަށް ސީއެޗްއެސްސީގެ އިމާރާތް ދޭއިރު އިމާރާތުގެ މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ ސީއެޗްއެސްސީގެ ކިޔެވުން ހުޅުމާލެއަށް ބަދަލުކުރި ހިސާބުން ފެށިގެން އެ ބިން އަމީނިއްޔާއަށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދުނުކަމަށެވެ. އަދި އަމީނިއްޔާ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި އިތުރު 37 ކްލާސްރޫމް ބޭނުންވާނެކަމަށާއި ސީއެޗްއެސްސީ ހިންގި އިމާރާތް އެ ސްކޫލްއަށް ލިބުމުން ކޮންމެވެސް އެއް ދަންފަޅިއެއްގެ ކިޔެވުން އެ އިމާރާތަށް ބަދަލުކުރާނެކަމަށް ނާޒްލީން ވިދާޅުވިއެވެ.

"މިހާރު ހަމަ ހުރިހާ ކްލާސްރޫމްތަކެއް އޮންނަނީ ފުރިފައި. އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރުމުން ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ. އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރުމަކީ ވަރަށް ދެކެންބޭނުންވާ ދުވަހެއް." އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވިއެވެ.

ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުގައި އެއް ދަންފަޅިއަށް ކިޔަވައިދެމުން އަންނަނީ 4 ސްކޫލްއެއްގައެވެ. އެއީ ދަރުމަވަންތަ ސްކޫލްއާއި، ޢިއްޒުއްދީން ސްކޫލްގެ އިތުރަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ޞަލާޙުއްދީން ސްކޫލާއި ވިލިނގިލީގައި ހުންނަ މުޙިއްޔިއްދީން ސްކޫލްއެވެ.

އަމީނިއްޔާ ސްކޫލަކީ އަންހެން ކުދިންނަށް ހާއްސަ ސްކޫލެއްގެ ގޮތުގައި ވަރަށް ގިނަދުވަސްތަކެއް ވަންދެން ކިޔަވައިދެމުންދިޔަ ސްކޫލެކެވެ. 1944 ވަނަ އަހަރު ތަޢުލީމްދޭން ފެށި މިސްކޫލަކީ ރާއްޖޭގެ އެންމެ ގިނަދުވަސްވީ އެއްސްކޫލެވެ. އެހެންނަމަވެސް 2010 ވަނަ އަހަރުން ފެށިގެން އެސްކޫލަކީ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންވެސް ކިޔަވާ ސްކޫލެއްގެގޮތުގައި ސަރުކާރުންވަނީ ހަމަޖައްސާފައެވެ.

2000 އަށް ވުރެގިނަ ކުދިން ތައުލީމް ހާސިލްކުރަމުން އަންނަ
އަމީނިއްޔާ ސްކޫލަކީ އެންމެ ދުވަސްވީ އެއް ސްކޫލަށްވުމާއި އެ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު އިތުރުވުމާއެކު ކުރިން ބޭނުންކުރަމުން އައި ކްލާސްރޫމްތައް ތަޅާލައި، 8 ފަންގިފިލާގެ އިމާރާތެއް 2018 ވަނަ އަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ.
ނަމަވެސް މިހާތަނަށް އެ ސްކޫލްގައި ކިޔަވައިދެމުން އައިސްފައި ވަނީ ދެ ދަންފަޅިއަށެވެ.