ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެ ބަލިކޮށް، ކޮލިފައިން ދެވަނަ ބުރުގެ ޖާގައެއް ބަންގްލަދޭޝްއިން ހޯދައިފިއެވެ.
ބަންގްލަދޭޝްގެ ބަޝުންދަރާ އެރީނާގައި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގުގެ މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ބަންގްލަދޭޝް އާއި ރާއްޖެ ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ބަންގްލަދޭޝަށް ކުރި ލިބުނީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މިއަދު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ބަންގްލަދޭޝްއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެމްޑީ ފައިސަލް އަޙްމަދު ފަހީމް ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރަކީބް ހުސެއިނެވެ. އެކަމަކު މެޗުގެ 36 ވަނަ މިނެޓުގައި ކޯނަރަކުން އައިސަމް އިބްރާހީމް ވަނީ ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ބަންގްލަދޭޝްއިން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހީމެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 59 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ސޮހެލް ރަނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
އެއާއެކު މެޗުގެ ބޮޑުބައި ބަންގްލަދޭޝްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް، ރާއްޖެއަށް ނަތީޖާ އެއްވަރުކުރެވިފައެއް ނުވެއެވެ. އަދި މެޗުގެ ފަހުކޮޅު ރާއްޖޭގެ އަހުނަފް ރަޝީދަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މި މޮޅާއެކު ކޮލިފައިންގެ ދެވަނަ ބުރަށް ބަންގްލަދޭޝް ދަތުރުކުރިއިރު، ދެވަނަ ބުރުގައި އެ ޓީމު ހިމެނެނީ އޮސްޓްރޭލިއާ އާއި، ލުބުނާން އަދި ފަލަސްތީނާއެކު ގްރޫޕް އައިގައެވެ.
މިއީ ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ ބުރުން ރާއްޖެ މި ފަހުން ކެޓި ފުރަތަމަ ފަހަރެެވެ. އެގޮތުން އެންމެ ފަހުން ފުރަތަމަ ބުރުން ރާއްޖެ ކެޓީ 2007 ވަނަ އަހަރެވެ. އެ ފަހަރު ޔަމަނާ ދެކޮޅަށް ކުޅެ މާލޭގައި 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ޔަމަންގެ ދަނޑުގައި ކުޅުނު ލެގުން ރާއްޖެ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ކޮލިފައިން ފުރަތަމަ ބުރުން ބަލިވެ 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުޞަތު ރާއްޖެއަށް ގެއްލުނު ނަމަވެސް، 2027 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕުގެ ކޮލިފައިން ޕްލޭ-އޮފް ބުރުގައި ރާއްޖެ ވާދަކުރަން ޖެހޭނެއެވެ. އެ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޕްލޭ-އޮފް ބުރުގެ މެޗުތަކުން މޮޅުވާ ޓީމުތަކަށް އޭޝިއަން ކަޕުގެ ކޮލިފައިން ތިންވަނަ ބުރުން ފުރުޞަތު ލިބިގެންދާނެއެވެ.