ތަޢުލީމު

ފ އަދި ދ.އަތޮޅު ތައުލީމީ މަރުކަޒުގައި އިތުރު ކްލާސްރޫމްތަކެއް


ފ އަތޮޅާއި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކްލާސްރޫމްތަކެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސްވިފްޓް އިންޖިނިއަރިން އާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފ.އަތޮޅު ތައުލީމީ މަރުކަޒުގައި 8 ކުލާސްރޫމާއި، ދެ ލެބް އަދި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި ދ އަތޮޅު ތައުލީމީ މަރުކަޒުގައި 9 ކުލާސްރޫމުގެ ބުލޮކެއް އިމާރާތްކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ. އެގޮތުން ފ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިޔަށްގެންދާ ޕުރޮޖެކްޓަށް 16 މިލއަނަށްވުރެ ގިނަރުފިޔާ ހަރަދުވާއިރު، ދ އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިޔަށްގެންދާ ޕުރޮޖެކްޓަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ދެ ޕުރޮޖެކްޓް ނިންމުމަށް ދީފައިވަނީ 360 ދުވަސްކަމަށާއި، އަންނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ކްލާސްރޫމްތައް އިމާރާތްކުރުމުގެ މަސައްކަތް ނިންމާ ހަވާލުކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވީ މި ދެ ޕުރޮޖެކްޓަކީ ވޯލްޑް ބޭންކްގެ އެހީގެ ދަށުން ކުރިޔަށްގެންދާ ދެ ޕުރޮޖެކްޓްކަމަށެވެ.