ޚަބަރު

ފަލަސްތީނަށް އެހީވުމަށް ބާއްވާ ޓެލެތޯން ކުރިއަށް، ކުޑަމިންވަރަކުންވެސް އެހީވެދެއްވާ


  • ޓެލެތޯން ކުރިއަށްދާނީ މިރޭ 00:00 އަށް

  • ފަލަސްތީންގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލަތޯންއެއް

  • ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލަތޯންއެއް

އިސްރާޢީލުގެ ޖައްބާރު ޔަޙޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި މީޑިއާތައް ގުޅިގެން ބާއްވާ ޚާއްޞަ ޓެލެތޯން "އަހަރެމެން ފަލަސްޠީނާއެކު" ފަށައިފިއެވެ.

އެއް ދުވަހަށް ދިގު ދެމިގެންދާ މި ޓެލެތޯންގެ ފަށައިފައި ވަނީ މިއަދު ހެނދުނު 10:30 ގައެވެ. މި ޓެލެތޯން މިރޭ 00:00 ހަމައަށް ކުރިއަށްދާނެއެވެ. ޓެލެތޯން ފެށުމުގެ ކުރިން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް މި ޓެލެތޯންގެ ޕްރީ ޝޯތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕްރީޝޯވް ކުރިއަށްގެންގޮސްފައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން 18:00 އަށެވެ.

އިސްރާޢީލްގެ ޖައްބާރު ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ވަނީ އެތަކެއް ބައެއް ޝަހީދުކޮށްލާ، ޒަޚަމްކޮށްލާފައެވެ. އަދި އެތަކެއް ބައެއްގެ ގެތައް ސުންނާފަތި ކޮށްލާފައިވާއިރު، ވަންނާނެ ތަނެއް ނެތި އެތަކެއް މުސްލިމުން ވަނީ ހާލުގައި ޖައްސަފައެވެ. ފަލަސްތީންގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މި ޓެލެތޯނަކީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ.

ދިވެހި ގިނަ ޓީވީ ޗެނަލްތަކުން ބައިވެރިވާ މި ޓެލަތޯން، ޓީވީއެމް، ދިވެހިރާއްޖޭގެ އަޑު، އެސްއެސްޓީވީ، ދިވެހި ޗެނަލް، ޗެނަލް13، ވީޓީވީ، އައިސްޓީވީ، ސީއެންއެމް، ވަގުތުޓީވީ، ނެކްސްޓް، ސަންގު ޓީވީ އަދި މުޢިއްޒު ޓީވީން ލައިވްކޮށް ގެނެސްދެމުންދާނެއެވެ. މީގެ އިތުރުން ސަން އޮންލައިން، ވަން އޮންލައިން އަދި ވޮއިސް އިން ވެސް ވަނީ މި ޓެލެތޯންގައި ބައިވެރިވެފައެވެ.

މި ޓެލަތޯންގެ ތެރެއިން އެ ޖަމާއަތުގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރ، އަޒްހަދު އަޙްމަދު ވިދާޅުވީ ފަލަސްތީންގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ބޮޑު ތަރުޚީބެއް ލިބެމުން އަންނަކަމަށެވެ. އެގޮތުން އޮންލައިންކޮށް ފައިސާ ފޮނުވުމުގެ އިތުރުން ރަށްރަށުންވެސް ބޮޑު ތަރުޚީބެއް ލިބެމުން އަންނަކަމަށެވެ.

"މިއަންނަ ހުކުރުދުވަހުވެސް ޒުވާނުންތަކެއް އިސްނަގައިގެން ބޮޑު ރެލީއެއް ބާއްވަން. މިއަދުވެސް އަންހެން ކަނބަލުން މާލެ ތެރޭގައި ހަރަކާތްތެރިވަމުންދާނެ އެހީހޯދުމުގެ މަސައްކަތުގައި. ހަވީރު ގަޑީގައި ޓީވީއެމް ކައިރީގައިވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ. ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ."ޖަމާއަތުގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރ، އަޒްހަދު އަޙްމަދު ވިދާޅުވިއެވެ.

އައިއޭސީގެ ޗެއަރމަން އަޙްމަދު އިޤްބާލު ވަނީ ކިތައްމެ ކުޑަމިންވަރަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އިޤްބާލު ވިދާޅުވީ، ޓްރާންސްފަރކޮށްފައިވާ އަދަދުތަކަށް ބަލާއިރު ވަރަށް ކުޑަމިންވަރުންވެސް ފައިސާ ޓްރާންސްފަރކޮށްފައި ހުރިކަމަށް އިޤްބާލު ވިދާޅުވިއެވެ.

"12000 ޓްރާންސެކްޝަން އެބަހުރި 1000 ރުފިޔާއަށްވުރެ ދަށުންވެސް ކޮށްފައި. ވަރަށް ކުދި ކުދި ޓްރާންސެކްޝަންއިން އެބަހުރި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައި. 20 ރުފިޔާއިން ދަށުން ބަލާއިރު 3000 ޓްރާންސެކްޝަން އެބަހުރި. ކޮންމެވެސް ލެވެލްއެއްގައި ހުރިހާއެންމެންވެސް ބޭނުންވެގެން ބައިވެރިވާކަން ފާހަގަކުރެވޭ." އައިއޭސީގެ ޗެއަރމަން އަޙްމަދު އިޤްބާލު ވިދާޅުވިއެވެ.

ފަލަސްތީނުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ އެ ޤައުމުގައި ތިބި އައިއޭސީގެ ބައިވެރިންނާއެކުގައެވެ.

އެގޮތުން 25 އަށްވުރެ ގިނަ ވޮލެންޓިއަރުން ޢާޒާގައި ހަރަކާތްތެރިވަމުންދާކަން އައިއޭސީން ފާހަގަކުރެއެވެ. އަދި އެހީތެރިކަން ފޯރުކޮށްދެމުންދަނީ ވަރަށް ބޮޑަށް ރާވާލައިގެންކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.

ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އައިއޭސީން ހުޅުވާލި ފަންޑަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މިހާތަނަށް ލިބިފައެވެ. މި ފަންޑަށް އެހީ ވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލައިފައިވާއިރު، އެ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓަށް ފައިސާ ފޮނުވައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެއެވެ. ފައިސާ ޓްރާންސްފަރ ކުރާނީ އެ ޖަމިއްޔާގެ އެކައުންޓް ނަންބަރު 7770000062741 އަށެވެ. މި ފަންޑަށް މިހާރުވެސް 9.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.