ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހުގެ ޚިޠާބު: ރައީސް ގޮވާލެއްވީ ފަލަސްޠީނަށް އިންސާފު ހޯދައިދިނުމަށް!


  • ރައީސް ޚިޠާބުގައި އަލިއަޅުއްވާލެއްވީ ފަލަސްޠީނުގެ ޙާލަތަށް

  • ދިވެހިންގެ ނަމުގައި ގޮވާލެއްވީ ފަލަސްޠީނަށް އިންސާފު ޤާއިމްކޮށްދެއްވުމަށް

  • މުޅި އިސްލާމީ އުއްންމަތް އެކަތިގަނޑަކަށް ވުމަށް ބާރުއެޅުއްވި

  • މުސްލިމުންގެ ބައިބައިވުންތައް ނައްތާލުމަށް ގޮވާލެއްވި

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، ޔަހޫދީ އިސްރާޢިލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، ލާއިންސާނީ ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވެވި ޚިޠާބުގައި މާތްވެގެންވާ އިސްލާމް ދީނާ ގުޅިފައިވާ މިފަދަ އުފާވެރި ދުވަހެއް ދިވެހިން ފާހަގަކުރާއިރު، އިސްލާމީ އުންމަތުގެ އެތައް މިލިޔަން އަޚުންނާއި އުޚުތުންނެއް، ޣައިރު މުސްލިމުންގެ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުވެ އަދި ޒަޚަމްވަމުންދާކަމީ، މުޅި އިސްލާމީ އުންމަތަށް ލިބޭ ނުހަނު ބޮޑު ހިތާމައެއްކަމަށް ވިދާޅުވިއެވެ. ޒަޔަނިސްޓު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެ، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށް، އެ ބިމުގައިވާ މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑަމުން ދިޔުމަކީ، އިސްލާމީ އުންމަތުގެ ހިތަށް ހެރިފައިވާ ނުހަނު ތޫނު ޚަންޖަރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރަނީ އެންމެ ހަރުކަށި ޢިބާރާތުންނކަމަށް ވިދާޅުވެ ރައީސް ވަނީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ޙާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެއްކަމަށާއި، އެކަމަށްޓަކައި އަޅުގަނޑުމެން ހިނގަން އޮތް މަގަކީ، މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާ ކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވަންޖެހޭކަމަށާއި، އިސްލާމް ދީނުގެ ޞުލްޙައާއި ހަމަޖެހުން ދުނިޔެއަށް ސާބިތުކޮށްދިނުމަށް، ހުރިހާ މައިދާންތަކެއްގައި މަސައްކަތް ކުރަންޖެހޭކަމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ރާއްޖެ އިސްލާމްވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން އެކަމެއް މަތީގައި ސާބިތުކަމާއެކު ދެމިތިބެ، އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ޤައުމު އާރާސްތުކުރަމުން އައި ވަރުގަދަ ބިންގަލަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާކަމަށް ވިދާޅުވިއެވެ. އަދި، ދިވެހިންގެ މެދުގައި މި އޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ އަޞްލަކީ، މުޖްތަމަޢުގެ ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ ސަމާލުކަމަށްވާ ހިނދު، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަޚުލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، އިސްލާމް ދީން ގެނެސްދިން އިޖްތިމާޢީ ރިވެތި އަދަބުތަކާއި އަޚްލާޤީ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ ވެސް، މި ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު މަޤްޞަދެއްކަމަށާއި، އެކަމަށްޓަކައި ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން ވެސް މަސައްކަތް ކުރުމަކީ ހުރިހާ ދިވެހީންގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.