ޚަބަރު

ރާއްޖޭގެ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ އައިއޭސީގެ ގުދަނަކަށް އިސްރާއީލުން ބޮން އަޅާއިފި


  • މި ޙަމަލާގެ ސަބަބުން ގުދަނުގައި ހުރި ހުރިހާ ތަކެތި ވަނީ ހަލާކުވެފައި

  • މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައިނުވޭ

  • ނަމަވެސް، އެކި ވަރުގެ ޒަޚަމްތައް ވަނީ ވެފައި

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމުގެ ގޮތުން، ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ރައްކާކޮށްފައިވާ ގުދަނަކަށް އިސްރާޢީލުން ބޮން އަޅައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން އައި.އޭ.ސީގެ އޮފިޝަލަކު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެކިކަހަލަ ތަކެތި ރައްކާކޮށްފައިވާ އެ ޖަމިއްޔާގެ ގުދަނަކަށް ސީދާ އަމާޒުކޮށް، ބޮން އަޅާފައިވާ ކަމަށެވެ.

މި ގުދަނުގައި 2000 ބެޑުޝީޓާއި، ވަގުތުން ކެއުމަށް ތައްޔާރުކުރެވިފައިވާ 1000 ޕާރިސަލާއި، 3000 ހެދުން ބަންދުކޮށްފައިވާ ޕެކުތައް ހުރި ކަމަށް އައިއޭސީއިން މަޢުލޫމާތުދެއެވެ. އިންޓަރނޭޝަނަލް އެއިޑު ކެމްޕެއިން، އޭއައިސީ އިން ބުނީ، ބޮމުގެ ހަމަލާގައި ގެއްލުންވެފައިވަނީ އެފަރާތުގެ އެހީގެ ސާމާނު ގުދަންކޮށްފައިހުރި އެއް ގުދަނަށްކަމަށެވެ. ނިސްބަތުން ގެއްލުންވީ މަދު ތަކެއްޗަށްކަމަށްވެސް އޭއައިސީން ބުންޏެވެ.

މީގެ އިތުރަށް، އައި.އޭ.ސީގެ މުވައްޒަފުން، ތަކެތި އުފުލުމަށް ބޭނުންކުރާ ކާރަކަށްވެސް މި ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް ވަނީ ގެއްލުން ލިބިފައެވެ. މި ހާދިސާގައި އެއްވެސް ބަޔެއްގެ ފުރާނައަށް ގެއްލުމެއްނުވާކަމަށާއި، އެހެންނަމަވެސް، ކޮންމެވެސް ވަރަކަށް ބައެއް ފަރާތްތަކަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.


އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ލޭއޮހޮރުވުންތަކުގައި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް އައި.އޭ.ސީގެ ފަރާތުން ދަނީ އެކިވަރުގެ އެހީތައް ވަމުންނެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި، ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ފަންޑް ރެއިސްގެ އެކި ހަރަކާތްތައް އެ ޖަމިއްޔާގެ ފަރާތުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

އެގޮތުން، ފަލަސްޠީނުގެ މުސްލިމް ރައްޔިތުންނަށް އެހީވުމަށްޓަކައި އައިއޭސީން ހުޅުވާލި ފަންޑަށް މިހާތަނަށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތު ދެއްވައެވެ. އަދި މި ޖަމިއްޔާއިން އިސްނަގާގެން ދިވެހިން ފަލަސްޠީނާއިއެކު ވާކަން ދައްކާލުމުގެ ގޮތުން "ދިވެހިންގެ ބޮޑު އެއްވުން"މުގެ ނަމުގައި ހަރަކާތެއް، މިދިޔަ ހުކުރު ދުވަހު ވަނީ ބާއްވާފައެވެ.