ދުނިޔެ

މޮޒަމްބީކުން ފެނުނީ މެލޭޝިޔާގެ ބޯޓުގެ ބައިތަކެއްކަމަށް ބެލެވޭ


މޮޒަމްބީކުން ފެނުނު މަތިންދާބޯޓުގެ ބައިތަކަކީ ގެއްލިފައިވާ މެލޭޝިޔަން އެއަރލައިން، އެމްއެޗް ތްރީ ސެވަން ޒީރޯގެ ބައިތަކެއް ކަމަށް ވަރަށް ބޮޑަށް ޔަގީންވާކަމަށް އޮސްޓްރޭލިއާއިން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑެރަން ޗެސްޓަރ ވިދާޅުވީ މޮޒޮމްބީކުން ފެނުނު ބައިތައް ފެނުނު ސަރަހައްދުތަކަކީ އެމް.އެޗް ތްރީ ސެވަން ޒީރޯ ގެއްލުނު ހިސާބާ އަޅާބަލާއިރު ކަނޑުގެ އޮއެ ހުރިގޮތުން އެއެއްޗެތި ލައްގާނެ ކަމަށް ބެލެވޭ ސަރަހައްދުތަކެއް ކަމަށެވެ. އަދި ފެނުނު ބައިތަކަކީ މެލޭޝިއާ އެއަރލައިންސްގެ ބޮއިންގ ހަތެއް ހަތެއް ހަތެއް މަރުކާގެ މަތިންދާބޯޓެއްގެ ބައިތަކާ އެއްވަތަރު ބައިތަކެއް ކަމަށްވެސް އޮސްޓްރޭލިއާއިން ބުނެއެވެ. އެމްއެޗް ތްރީ ސެވަން ޒީރޯ އަކީވެސް ބޮއިންގް ހަތެއް ހަތެއް ހަތެއް މަރުކާގެ މަތިންދާ ބޯޓެކެވެ.

ގެއްލުނު މެލޭޝިއާ ބޯޓު ހޯދުމުގައި އެންމެ އިސްދައުރެއް އަދާކުރަމުންދަނީ އޮސްޓްރޭލިއާއިންނެވެ. އަދި މެލޭޝިއާއިން ވަނީ ބޯޓުގެ ހުރިހާ ތަޙްގީގުތައް ކުރުމަށް އޮސްޓްރޭލިއާ އާއި ހަވާލުކޮށްފައެވެ. މޮޒޮމްބީކުން އެންމެ ފުރަތަމަ އެމްއެޗް ތްރީ ސެވަން ޒީރޯގެ ބައެއް ކަމަށް ބެލޭ ބައެއް ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެހެންނަމަވެސް މިބައި ފެނުނު ސައުތު އެފްރިކާގެ ފަތުރުވެރިއާ އެބައި ފެނުނުކަން ހާމަކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހު އެމެރިކާ މީހަކަށް ބޯޓުގެ ބައެއް ކަމަށް ބެލެވޭ ބައެއް ފެނުނު ހަބަރު ލިބުމުންނެވެ.

އޮސްޓްރޭލިއާއިން ވަނީ މިދެ ބައިވެސް ވަކިން ތަޙްލީލްކޮށްފައެވެ. އަދި ތަޙްލީލްތަކަށްފަހު އޮސްޓްރޭލިއާއިން ބުނެފައިވަނީ މިބައިތަކަކީ އެމްއެޗް ތްރީ ސެވަން ޒީރޯގެ ބައިތަކެއް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ. 

މިހާތަނަށް އެމްއެޗް ތްރީ ސެވަން ޒީރޯގެ ބައެއްކަމަށް ޔަގީން ކުރެވޭ ބައެއް ފެނިފައިވަނީ ރިޔޫނިއަން އައިލެންޑް އިން އެކަންޏެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޮފިޝަލުން މިހާރު ގެންދަނީ ސައުތު އެފްރިކާގެ މޮސެލް ބޭ ސަރަހައްދުން އާކިއޮލޮޖިސްޓަކަށް ފެނުނު މިބޯޓުގެ އިތުރު ބައެއް ކަމަށް ބެލެވޭ ބައެއް ތަޙްލީލްކުރުމަށް ތައްކާރުވަމުންނެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ އޮސްޓްރޭލިއާ އިސްވެ އޮވެގެން ބޯޓު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މިހާރު ބަލަމުންދަނީ ރަނގަޅު ސަރަހައްދެއްކަން ފެނިފައިވާ ބޯޓުގެ ބައިތަކުން އެނގިގެންގޮސްފައިވާ ކަމަށެވެ. އޮސްޓްރޭލިއާއިން ދަނީ ޗައިނާ އާއި މެލޭޝިއާ އާއި ގުޅިގެން ބޯޓު ހޯދުމަށް ކަނޑު އަޑި ބަލާ ފާސްކުރަމުންނެވެ. މިގޮތުން އަދިވެސް ބަލަން ކަނޑައަޅާފައިވާ ސަރަހައްދުގެ ވަންސަވީސް ހާސް އަކަކިލޯ މީޓަރު ބަލަން ބާކީ އެބައޮތެވެ. އޮސްޓްރޭލިއާއިން ބުނަނީ ބާކީ އޮތް ބައިވެސް ހުއްޓާނުލާ ބަލާ ފާސްކުރާނެ ކަމަށެވެ. އެހެންނަމަވެސް މިތިން ގައުމުން ބުނެފައިވަނީ ކަނޑު އަޑިން ބަލަން ކަނޑައަޅާފައިވާ ބައިތައް ބަލާ ނިމުމުން ބޯޓުގެ ނިޝާނެއް ނުފެނިއްޖެނަމަ އެމަސައްކަތް ހުއްޓާލަން ޖެހޭނެ ކަމަށެވެ.

އެމްއެޗް ތްރީސެވަންޒީރޯ ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެމާޗްމަހުގެ 8 ވަނަ ދުވަހު މެލޭޝިޔާގެ ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެބެއިޖިންގަށް ދަތުރު ކުރަނިކޮށެވެ.