ޚަބަރު

ފުލުހުން ބާރުގެ ބޭނުންކުރުމުގައި އދގެ ގައިޑްލައިނަށް ބެލިނަމަވެސް، ބައެއް އުޞޫލުތައް ނެތް: އެޗްއާރްސީއެމް


  • ކޮމިޝަނުން ވަނީ 8 ކަމެއް ފާހަގަކޮށްފައި

  • 7 އުޞޫލެއް އޮތްސް އެކުލަވާލާފައިވަނީ 1 އުޞޫލްކަމަށް

  • ޤަވައިދުތަކުގައި ހުރި ކަންކަން އިސްލާހުކުރަން މުހިއްމުކަން ފާހަގަކުރި

ފުލުހުން ބާރުގެ ބޭނުންކުރުމާ ހަތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން އަމަލުކުރަމުންދާ ޤަވައިދުތަކުގައި އދ.ގެ ގައިޑްލައިންތަކަށް ރިޔާއަތް ކޮށްފައިވީނަމަވެސް ޤަވައިދުގެ ދަށުން އެކުލަވާލަން ލާޒިމްކުރާ މުހިއްމު ބައެއް އުޞޫލުތައް އެކުލަވާލާ އާންމުކޮށްފައި ނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗް.އާރް.ސީ.އެމްއިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިހެން ވިދާޅުވެފައިވަނީ ފުލުހުން ހަތިޔާރު ބޭނުންކުރުމާއި ބާރުގެ ބޭނުންކުރުމާ ގުޅެގޮތުން އެޗް.އާރް.ސީ.އެމްއިން އެކުލަވާލާފައިވާ ޕޮލިސީ ރިވިއުއެއްގައެވެ. މި ޕޮލިސީ ރިވިއުގައިވާގޮތުން ފުލުހުން ބާރުގެ ބޭނުންކުރުމާ ހަތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން އަމަލުކުރަމުންދާ ޤަވައިދުތަކުން ފާހަގަކުރެވުނު ކަންކަމާއި ކޮމިޝަނުން ހުށައަޅާ 8 ކަމެއް ފާހަގަކުރައްވާފައެވެ.

އެޗް.އާރް.ސީ.އެމްއިން އެކުލަވާލީ ކަރުދާހުގައި ވާގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުން ބާރުގެ ބޭނުންކުރުމާއި، ހަތިޔާރު ބޭނުންކުރުމާއި ގުޅޭގޮތުން އަމަލުކުރަމުންދާ ޤަވައިދުތަކުގައި އދ.ގެ ގައިޑްލައިންތަކުގައި ބަޔާންކޮށްފައިވާ ޕްރިންސިޕަލްސް ނުވަތަ އަސާސްތަކަށް ރިޔާއަތްކޮށްފައިވެއެވެ. އެހެންނަމަވެސް ޤަވައިދުގެ ދަށުން އެކުލަވާލަން ލާޒިމްކުރާ މުހިންމު ބައެއް އުޞޫލުތައް އެކުލަވާލާ އާންމުކޮށްފައި ނުވާކަމަށް އެޗް.އާރް.ސީ.އެމްއިން ވިދާޅުވިއެވެ.

މިގޮތުން ފުލުހުން އެކި ހާލަތްތަކުގައި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަފްޞީލީ މައުލޫމާތު ހިމެނޭ އޮޕަރޭޝަނަލް މެނުއަލްއާއި ސަލާމަތާއި ރައްކާތެރިކަމާއެކު ހަތިޔާރު ގެންގުޅޭ ބެލެހެއްޓުމާއި ޑިއުޓީތަކުގައި އުޅޭ ފަރާތްތަކަށް ހަތިޔާރު އަނބުރާ ހަވާލުކުރުމުގައި އަމަލުކުރާނެ ހަމަތައް ބަޔާންކުރާ އުޞޫލަކީ ފުލުހުން ހަތިޔާރާއި ބާރުގެ ބޭނުންކުރާއިރު ޖަވާބުދާރީވުމަށާއި ޒިންމާދާރުގޮތެއްގައި އަމަލުކުރުމަށް މުހިއްމު އުޞޫލްތަކެއްކަމަށް އެ ކަރުދާހުގައިވެއެވެ.

އެޗް.އާރް.ސީ.އެމްއިން ވިދާޅުވީ ގުޅުން ހުރި ޤަވައިދުތަކުން ބާރުލިިބިގެން 7 އުޞޫލެއް އެކުލަވާލުމަށް ލާޒިކޮށްފައި އޮތްނަމަވެސް މިހާތަނަށް އެކުލަވާލާ އާންމުކޮށްފައިވަނީ 1 އުޞޫލުކަމަށެވެ. އެހެންކަމުން މިކަންކަން ރަނގަޅުކުރުމަށްޓަކައި ޤަވައިދުތަކުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހުކުރުމާއި އަލަށް އެކުލަވާލަން ލާޒިމްކޮށްފައިވާ އުޞޫލުތައް އެކުލަވާލުމަކީ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އަދި ގުޅުންހުރި އުޞޫލުތަކާއި މެނުއަލްތައް އެކުލަވާލާއިރު އދ.ގެ ގައިޑްލައިންތަކަށް ރިޔާއަތްކުރުމާއެކު އެކުލަވާލާ ޤަވައިދުގައި ބާޔާންކުރާ މުއްދަތުގެ ތެރޭގައި އާންމުކުރުމަށް ވަނީ ހުށައަޅާފައެވެ.

މި ރިވިއުގެ މައިގަނޑު މަޤްޞަދަކީ ބާރުގެ ބޭނުންކުރުމާއި ހަތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން ފުލުހުން އަމަލުކުރަމުންދާ ޤަވައިދާ އުޞޫލުތަކަކީ ކޮބައިކަން ދެނެގަނެ އިންސާނީ ހައްޤުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަމުންދާ އުޞޫލްތަކެއް ކަމުގައި ހެދުމަށް ބާރުއެޅުންކަމަށް އެޗް.އާރް.ސީ.އެމް އިން ވިދާޅުވެއެވެ. އަދި މިކަރުދާސް އެކުލަވާލުމަށްޓަކައި ފުލުހުން ހަތިޔާރު ބޭނުންކުރުމާ ބާރުގެ ބޭނުންކުރުމާ ގުޅުން ހުރި 3 ޤާނޫނާއި، 5 ޤަވައިދާ 2 އުޞޫލަށް ބަލާފައިވާނެކަމަށްވެސް އެޗް.އާރް.ސީ.އެމްއިން ވިދާޅުވެއެވެ.