ޚަބަރު

ސަރުކާރުން އެއްބާރުލުން ދެއްވިނަމަ ކައުންސިލަށް މާގިނަ ކަންކަން ކޮށްދެވުނީސް: ޑރ.މުއިއްޒު


  • މާލެ ސިޓީ މޭޔަރުގެ ހައިސިއްޔަތުން ކައުންސިލްގެ މުވައްޒަފުންނާއެކު ބޭއްވި ފަހު ބައްދަލުކުރެއްވުން

  • ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި

މި ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވިނަމަ މާލެ ސިޓީއަށް ދިމާވެފައި އޮތް އެތައް މައްސަލަތަކަކަށް ހައްލުހޯއްދަވައި ދެވުނީސްކަމަށް މާލެ ސިޓީގެ މޭޔަރު އަދި އިންތިހާބީ ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޭޔަރުގެ ހައިސިއްޔަތުން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކަައުންސިލުގައި ރައްޔިތުންނަށް ޙިދުމަތްކުރުމުގައި ސިޔާސީ ގޮތުން ސަރުކާރާއި ހިޔާލު ތަފާތު ބަޔަކު ތިއްބެވިނަމަވެސް މައި ސަރުކާރުން ޙިދުމަތް ފޯރުކޮށްދެއްވާއިރު އެކަންކަމަށް ބައްލަވަން ނުޖެހޭނެކަމަށެވެ. މި ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ދޭއްވަންޖެހޭ އެއްބާރުލުން ނުދެއްވާކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެކަން އެގޮތަށް ނުކުރައްވާނެކަމަށެވެ. އަދި ކައުންސިލްތަކަށް ވަކިން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށާއި، ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކައުންސިލްތަކުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަވާނެކަމަށެވެ.

"މާލެއަށް ދިމާވެފައި އޮތް ކަންކަމަށް އަޅުގަނޑުގެ ސަރުކާރުގައި ހައްލު ހޯއްދަވައި ދެއްވާނަން، އަދި
ތެދުވެރިކަމާ އަމާނާތްތެރި ކަމާއެކު މަސައްކަތްކޮށް ހިނތުން ވުމާއެކީ ސިޔާސީ ތަފާތު ކުރުމެއްނެތި މަސައްކަތްކުރައްވާތަން އަމަލީ ގޮތުން ފެނިގެންދާނެ ސިޔާސީ ގޮތުން އެއްވެސް ކައުންސިލެއް ބާކީއެއް ނުކުރައްވާނަން"

ޑރ މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމާއި ހަވާލުވެވަޑައިގެންނެވީ 2021 ވަނަ އަހަރުގެ މޭމަހުގެ 17 ވަނަދުވަހުއެވެ. އެމަނިކުފާނުގެ މޭޔަރުކަމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދިމާވެފައި ހުރި ގިނަ މައްސަލަތަކަކަށް ވަނީ ހައްލު ހޯދައިވައި ދެއްވާފައެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެއްވި ކަންކަން ކާމިޔާބުކަމާއެކު ކުރިއަށްދިޔައީ ސިޓީ ކައުންސިިލުންގެ މުވައްޒަފުންގެ ފުރިހަމަ އެއްބާލުމާއެކުގައިކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ ހުރިހާ މުވައްޒަފުންނަށް ޑރ މުއިއްޒު ވަނީ އެމަނިކުފާނަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެގޮތުގައި ޙިދުމަތުގައި ދެމިތިއްބެވުމަށް އިންތިހާބީ ރައީސް ވަނީ މުވައްޒަފުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މޭޔަރު މުއިއްޒުގެ ހިދުމަތްތައް ފާހަގަކުރައްވައި، މާލެ ސިޓީ ކައުންސިލުން ވަނީ އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަންކުރައްވައި، ހާއްސަ ފިލައެއް އެމަނިކުފާނަށް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ޑރ. މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންގޮސްފައިވާ މުޙިންމު މަސައްކަތްތަކުގެ ތަފްސީލްތަކުގެ މައްޗަށް ބިނާކޮށް ނެރޭ ލުއި މަޖައްލާ "އަތަމަނަ" މަޖައްލާގެ ދެވަނަ ކޮޕީވެސް ވަނީ ނެރެދެއްވާފައެވެ.

ޑރ މުޙައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރުގެ ޒިންމާތައް ވަނީ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއާ ހަވާލު ކުރައްވާފައެވެ.