ޚަބަރު

އުންމީދަކީ އިންޑިއާ ސިފައިންގެ މައްސަލަ ފުރަތަމަ ހަފްތާގައި ހައްލުކޮށް ނިންމާލުން: ޑރ. މުޢިއްޒު


  • އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމުވެ ނުތިބެވޭނެކަމަށް

  • ވެރިކަމުގެ ފުރަތަމަ ދުވަހުވެސް މައްސަލައަށް މަސައްކަތް ފަށްޓަވާނެކަމަށް

  • މިސަރުކާރަށް ރައްޔިތުން ނޫނެކޭބުނީވެސް އެ ސަބަބަށްކަމަށް

  • އިންޑިއާ އެކު އޮތް ގުޅުމަށް ހީނަރުކަމެއް ނާންނާނެ

ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެދިވަޑައިގަންނަވާނެކަމަށާއި، އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކުރެވުންކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އަލްޖަޒީރާއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް ދިވެހިން ނޭދޭކަމަށެވެ. އަދި މިހާރު އޮތް ސަރުކާރަށް ދެވަނަ ދައުރެއް ދިނުމަށް، ރައްޔިތުން ބޭނުން ނުވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުގެ މަތިން، ވީ އެންމެ އަވަހަކަށް ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް، އެ ޤައުމުގެ ސަރުކާރާއިއެކު، ވާހަކަދައްކަވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލާނީ ކޮންއިރަކުންތޯ އަލްޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަން ސުވާލު ކުރެއްވުމުން، ޑރ. މުޢިއްޒު ވިދާޅުވީ ހުވާ ކުރާތާ އެންމެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ފޮނުވާލުމަށް، އެ ޤައުމުގެ ސަރުކާރުން އެދިވަޑައިގަންނަވާނެކަމަށެވެ. އަދި އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ޙައްލުކުރެއްވުންކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ހައި ކޮމިޝަނަރ މުނޫ މަހާވަރާއި ބައްދަލުކުރައްވައި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިކަން ފާހަގަކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން، ހައި ކޮމިޝަނަރވެސް ދެއްވާފައިވާކަމަށެވެ. އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލިނަމަވެސް އެޤައުމާއެކު ރާއްޖެއިން ދަމަހައްޓަމުން އައި ޒަމާންވީ ގުޅުމަށް ބުރުލެއް ނާންނާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން މައްސަލައަކަށް ވާނީ ކީއްވެގެންތޯ ސުވާލުކުރެއްވުމުން ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖެ މިނިވަންވުމަށްފަހު، މިހާތަނަށް އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބެފައި ނުވާކަމަށާއި، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭނަމަ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އަސަރު ކުރާނެކަމުގެ އިޙްސާސް ރައްޔިތުންނަށް ކުރެވޭ ކަމަށެވެ.

"ރާއްޖެއަކީ އަބަދުވެސް ވަރަށް އަމާން ޤައުމެއް. އަދި (މިނިވަންވި ފަހުން) އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބެފައިނުވޭ. އަޅުގަނޑުމެންނަކީ ވަރަށް ކުޑަ ޤައުމެއް. އެހާ ބޮޑު ސިފައިންގެ ޚިދުމަތެއް ރާއްޖެއަކު ނެތް. އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ، އަޅުގަނޑުމެންނަށް މިނިވަންކަމާއި، އިސްތިޤުލާލު ގެއްލިދާނެކަމުގެ އިޙްސާސް ކުރެވޭ." އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


އިންތިޚާބީ ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން ދޭ އެހީތެރިކަން ބަލައިގަންނަކަމަށްވެސް ވިދާޅުވެފައެވެ. ރާއްޖޭގައި އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ވިޔަފާރީގެ މުއާމަލާތްތަކަށް އިންޑިއާއިން ޝަޢުގުވެރިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. ރާއްޖެއިން ގިނަ ލޯނުތައް ނަގާފައި ހުރީ އިންޑީއާއިންކަމަށާއި، އެ ލޯނުތައް ރީފައިނޭންސް ކުރާނެ ގޮތްތަކެއް ހޯދަންޖެހޭކަން ފާހަގަކުރައްވަމުން އިންތިޚާބީ ރައީސް ވަނީ، އެ ލޯނުތައް އަނބުރާ ދެއްކޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިދެއްވާނެކަމަށް އިންޑިއާ ސަފީރު ވިދާޅުވިކަމަށްވެސް ވިދާޅުވެފައެވެ.

ޗައިނާއާއެކު އަސްކަރީ އެއްބަސްވުންތަކެއް ހަދާފާނެތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ޤާއިމްވެ ތިބުމަށް އެއްވެސް މުއާމަލާތެއް ނުކުރައްވާނެކަމަށެވެ. ޗައިނައަކީ ޤައުމުތަކުގެ ސިޔާދަތަށް އުނިކަން އަންނަގޮތަށް އަމަލުކުރާނެ ޤައުމެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މި ބަސްދީގަތުމުގައިވެސް އިންތިޚާބީ ރައީސް ވަނީ އެމަނިކުފާނު ގެންގުޅުއްވާނީ ޕްރޯ-މޯލްޑިވްސް ސިޔާސަތެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި އެއްވެސް ޤައުމަކަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލުމުގެ ފުރުޞަތު ނުދެއްވާނެކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ބަސްދީގަތުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރާއްޖެއިން ބޭރުގެ މީޑިއަކަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ފުރަތަމަ ބަސްދީގަތުމެވެ.