ޚަބަރު

މުޅި ދުނިޔެ ހަރުއަޑުން ގޮވަމުން ދަނީ ފަލަސްޠީނުގެ މިނިވަންކަމަށް


ފަލަސްޠީނުގެ މިނިވަން ކަން ކަށަވަރު ކޮށްދީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓައިލަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް މިލިޔަން މުސްލިމުން އެއް އަޑަކުން ގޮވަމުން އެބަދެއެވެ. މެދުއިރުމައްޗާއި ޢަރަބި ޤައުމުތަކުގެ އިތުރުން މުސްލިމުންގެ އާބާދީ އޮންނަ އެކި ޤައުމުތަކުގައި, ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އަޑުއުފުލުމަށް ދަނީ ހިނގައިލުންތަލާއި އެއްވުންތައް ބާއްވަމުންނެވެ.

މެދުއިރުމައްޗަށް ބަލައިލާއިރު, އެންމެ ބޮޑެތި ހިނގައިލުންތައް ފެނިފައި ވަނީ ލުބުނާނާއި, މިޞްރާއި, އުރުދުނާއި, ސޫރިޔާއާއި, އިރާޤާއި, އީރާނާއި, ތޫނިސްގެ އިތުރުން ލީބިޔާއިންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް މިލިޔަން މުސްލިމުންނެއް ޔަހުދީ އިސްރާޢީލާ ދެކޮޅަށް އަޑުއުފުލަން ފަށާފައި މި ވަނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ އުދުވާންތަކާ ގުޅިގެންނެވެ.

ޔަހޫދީ އިސްރާޢީލުން މިހާރު ވެސް ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. އަދި, އެ މީހުން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަށް އަރައި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. މި އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު 1,900 އަށް އަރައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ ކުށެއް ނެތް މުސްލިމުންގެ ޢަދަދު ވަނީ 7,696 އަށް އަރާފައެވެ.

މީގެ އިތުރުން ސެޕްޓެންބަރު 14 ވަނަ ދުވަހު ހުޅަނގު އައްސޭރީގެ ބިންތަކަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކުގައި 16 މީހުން ޝަހީދު ކޮށްލިއެވެ. ޣައްޒާގައި ޔަހޫދީން ހަނގުރާމަ ފެށި ފަހުން ހުޅަނގު އައްސޭރީގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 51 އަށް އަރާފައެވެ. އިސްރާޢީލުން ޣައްޒާއަށް ބޮން އަޅަން ފެށީ, 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި ޙަމާސް ޖަމާޢަތުގެ މުޖާހިދުން އަސްކަރީ އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި ޙަމާސްއިން ވަނީ ޔަހޫދީންގެ 1,300 އެއްހާ މީހުން މަރައިލާފައެވެ. އަދި, 3,400 އެއްހާ ޔަހޫދީން ޒަޚަމު ކޮށްލާފައެވެ. މި ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާއަށް މެދުކެނޑުމެއް ނެތި ބޮންއަޅައި އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލުމަށް ފަހު, ޔަހޫދީ އިސްރާޢީލުން ވަނީ ޣައްޒާގެ އުތުރުގައިވާ ބިންތައް ހުސްކުރަން ފަލަސްޠީނުގެ 1.1 މިލިޔަން މުސްލިމުންނަށް އަންގައި މުހުލަތެއް ދީފައެވެ. އެ އެންގުމާ ގުޅިގެން, ޣައްޒާގެ ދެކުނުގައިވާ ރަށްތަކަށް ގިނަ ޢަދަދެއްގެ ބަޔަކު ދަތުރު ފަށާފައިވާއިރު, އެ މީހުންނަށް ވެސް ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ވަނީ ހަމަލަދީފައެވެ. މި ހަމަލަތަކުގައި 70 މީހުން ޝަހީދު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަރުއަޑުން ގޮވަމުން ދަނީ, ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ހިންގަމުންދާ މި ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ވަގުތުން ހުއްޓައިލުމަށެވެ. ފަލަސްޠީނުގެ ކުށެއް ނެތް އަންހެނުންނާއި, އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ގަތުލު ކުރުން ހުއްޓައިލުމަށެވެ. އެ މީހުންނަށް ޤަދަރުވެރިކަމާއި މިނިވަންކަމާ އެކު ދިރިއުޅުމުގެ ފުރުޞަތު ދިނުމަށެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކުރުމަށެވެ.

ޣައްޒާގެ މުސްލިމުންގެ ދިފާޢުގައި އަޑުއުފުލަން އުރުދުންގައި ބޭއްވި ހިނގާލުމުގައި 10,000 އަށްވުރެ ގިނަ މުސްލިމުން ބައިވެރިވިއެވެ. އެންމެ ބޮޑު އެއްވުން ބާއްވާފައި ވަނީ ޙުސައިނީ މިސްކިތް ކައިރީގައެވެ. އަދި, ހިނގާލުމުގެ ބައިވެރިން ވަނީ ފަލަސްޠީނާއި އުރުދުން ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ވެސް އެއްވެފައެވެ. އެ ތަނުގައި, އުރުދުންގެ ފުލުހުންނާއި ހިނގައިލުމުގެ ބައިވެރިންނާ ދެމެދު ކޮންމެ ވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ.

މިޞްރުގައި އެންމެ ބޮޑު ހިނގައިލުން ބާއްވާފައި ވަނީ އަލް-އަޒްހަރު މިސްކިތް ކައިރީގައި ހުކުރު ނަމާދަށް ފަހުއެވެ. މި ހިނގައިލުމުގައި އެތަކެއް ހާސް ބަޔަކު ބައިވެރިވެފައިވާއިރު, އެ މީހުން ވަނީ ދީނާއި ޤައުމުގެ ހައްޤުގައި ޖިހާދު ކުރުމުގައި ދެމިތިބުމަށް ފަލަސްޠީނުގެ މުސްލިމުންނަށް ގޮވައިލާފައެވެ. އަދި, ޔަހޫދީންގެ އިސްތިޢުމާރީ ބާރަށް މުސްލިމުންގެ ބިމުން އެންމެ އިންޗިއެއް ވެސް ނުދިނުމަށް ގޮވައިލާފައެވެ.

މުސްލިމުންގެ އެންމެ މުޤައްދަސް ބިން ކަމުގައިވާ މައްކާގެ މަސްޖިދުލްޙަރަމްގައި ވެސް ހުކުރު ނަމާދަށް ފަހު, ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދި ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އަދި, ޔަހޫދީންގެ އިސްތިޢުމާރީ އަޅުވެތި ކަމުން އެ މީހުން ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ކޮށްފައިވެއެވެ.

ލުބުނާނުގައި ބޭއްވި ހިނގައިލުންތައް ރާވާފައި ވަނީ ޙިޒްބުاللهއިންނެވެ. ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އިތުރުން އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުގައި ބޭއްވި ހިނގައިލުންތަކުގައި އެތަކެއް ހާސް ބަޔަކު ބައިވެރިވިއެވެ. މި ހިނގައިލުންތަކުގައި ލުބުނާނުގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިއުޖީން ބައިވެރިވެ, ޣައްޒާގައި ދިރިއުޅޭ އެ މީހުންގެ އަޚުންނާއި އުޚްތުންގެ ލޭއޮހޮރުވައިލުމާ ދެކޮޅަށް އަޑު އުފުލިފައެވެ.

ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކޮށްފައިވާ ޙަމާސް ޖަމާޢަތަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ތާޢީދުކުރާ ޤައުމަކީ އީރާނެވެ. އީރާނުން ދަނީ ޙަމާސްއަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޤައުމުގެ އެކި ރަށްތަކުގައި ފަލަސްޠީނުގެ މުސްލިމުންގެ ދިފާޢުގައި އަޑުއުފުލަން ބޮޑެތި ހިނގައިލުންތަކެއް ބޭއްވިއެވެ. އެ ހިނގައިލުންތަކުގައި ފަލަސްޠީނާއި ޙިޒްބުاللهގެ ދިދަ ވިހުރުވައިލާފައިވެއެވެ.

އިރާޤާއި ސޫރިޔާގައި ވެސް ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަޑުއުފުލުމަށް ބޮޑެތި ހިނގައިލުންތައް ބާއްވާފައިވާއިރު, އިރާޤުގެ މުޒާހަރާތަކުގެ ބައިވެރިން ވަނީ އެމެރިކާއާ ދެކޮޅަށް ވެސް ނުރުހުން ފާޅުކޮށް, އަޑުއުފުލާފައެވެ. އަދި, އެމެރިކާއަށް ނޫނެކޭ ބުނުމަށް ގޮވައިލާފައެވެ. ސޫރިޔާގެ މުޒާހަރާތައް ބާއްވާފައި ވަނީ ވެރިރަށް ދިމިޝްޤާއި އިދްލިބް ޕުރޮވިންސުގައެވެ. އިދްލިބްގައި ބޭއްވި މުޒާހަރާތަކުގެ ބައިވެރިން ޙިޒްބުاللهއާ ދެކޮޅަށް އަޑުއުފުލާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މީގެ އިތުރުން, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމް އާބާދީތައް ދިރިއުޅޭ ޤައުމުތަކުގައި ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަޑުއުފުލައި ހިނގައިލުންތަކާއި އެއްވުންތައް ބާއްވާފައިވެއެވެ. މީގެ ތެރޭގައި އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެ ވެސް ހިމެނެއެވެ. މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ދުވަހުގެ ހަވީރު ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުގައި އަޑުއުފުލުމަށް ހިނގައިލުންތަކާއި އެއްވުންތައް ބޭއްވިއެވެ.

ގަލްފުގެ ޤައުމުތަކުގެ އިތުރުން ޕާކިސްތާނާއި ބަންގްލަދޭޝްގައި ބޭއްވި ހިނގައިލުންތަކުގައި އެތަކެއް ހާސް ބަޔަކު ބައިވެރިވިއެވެ. މީގެ އިތުރުން, އެމެރިކާއާއި އިނގިރޭސިވިލާތާއި ވިލާތުގެ ބައެއް ޤައުމުތަކުގެ އިތުރުން ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުގައި ވެސް ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތަކަށް ގޮވައިލާ ބޮޑެތި އެއްވުންތަކާއި މުޒާހަރާތައް ބާއްވާފައިވެއެވެ.