ޚަބަރު

ޕާސްޕޯޓް ގެއްލުމުންކުރާ ޖޫރިމަނާ 2000ރ އަށްވުރެ ކުޑަކޮށްފި


  • މީގެ ކުރިން ޖޫރިމަނާ ކުރަނީ 5000-20،000 ދެމެދު

  • މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޖޫރިމަނާއެއް ނުކުރޭ

  • ތެދު ނޫން މަޢޫލޫމާތު ހުށައަޅައިފިނަމަ ޖޫރިމަނާ ކުރާނެ

ދިވެހި ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ޖޫރިމަނާ 2000 ރުފިޔާއަށް ވުރެ ބޮޑުނުވާނެގޮތަށް ހަމަޖައްސަވައިފިއެވެ.

ޕާސްޕޯޓް ގެއްލިއްޖެނަމަ މީގެ ކުރިން 5000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެއެވެ. އެއީ ފުރަތަމަ ފަހަރު ނަމަ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރުނަމަ 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރުނަމަ 20،000 ރުފިޔާއިންނެވެ. އެހެންނަމަވެސް މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ޤަވައިދު އިސްލާޙްކޮށް ޖޫރިމަނާގެ ޢަދަދު ކުޑަކޮށްފައެވެ.

އިސްލާޙްކުރި ޤަވާއިދުގައި ވަނީ، ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާއެކު ހުށަހެޅުމުން 2،000ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާ ކުރާނެކަމަށެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް ހަމަޖައްސާ ފައިވާކަމަށްވެސް އިސްލާޙްގައިވެއެވެ.

އަލަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައ،ި ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިޚްތިޔާރ،ު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޕޮލިސް ރިޕޯޓަކާ ނުލައި އައު ޕާސްޕޯޓަކަށް އެދި ހުށަހެޅޭނެކަމަށާއި، ޖޫރިމަނާ ކުރުމަކާނުލައި ޕާސްޕޯޓު އައުކޮށްދޭނެކަމަށް އައު ޤަވައިދުގައިވެއެވެ.

ޤަވައިދުގައި ބުނެފައިވަނީ ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހެޅުމުގައި ތެދު ނޫން މަޢުލޫމާތު ދިނުން ނުވަތަ ޞައްޙަ ލިޔުމަށް ބަދަލު ގެނައުން ނުވަތަ ނަކަލުކޮށް ގެން ހުށައަޅައިފިނަމަ 2000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށެވެ. އަދި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނަށް ޚިދުމަތް ހޯދުމަށް ހާޒިރުވެ އާންމު މަޞްލަޙަތަށް ގެއްލުންހުރި ޢަމަލެއް ކޮށްފިނަމަ ޚިދުމަތް ނުދިނުމުގެ އިޚްތިޔާރާއި، 2000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށް ޤަވައިދުގައިވެއެވެ.

މީގެ އިތުރަށް 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

އައު ޤަވައިދުގައި ވަނީ އެއް ޕާސްޕޯޓަށް ވުރެ ގިނަ ޕާސްޕޯޓު ހެއްދޭނެ ހާލަތްތަކުގެ އިތުރުން، އެހެނިހެން ބައެއް ބަދަލުތައްވެސް ގެނެސްފައެވެެ. އިމިގްރޭޝަނުން ޕީއެސްއެމް ނިއުސްއާއި ހިއްސާކުރި ތަފާސްހިސާބުން ދައްކަގޮތުގައި 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ޕާސްޕޯޓް ގެއްލިގެން ހެއްދުމަށް 2548 މީހުން ހުށައަޅާފައިވެއެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 519 މީހަކު ވަނީ ޕާސްޕޯޓް ގެއްލިގެން ހުށައަޅާފައެވެ.

2018-2023 ޕާސްޕޯޓް ގެއްލިގެން ހުށައެޅި މައްސަލަތައް

- 2018: 575 މީހުން
- 2019: 654 މީހުން
- 2020: 148 މީހުން
- 2021: 372 މީހުން
- 2022: 799 މީހުން
- 2023 ޖޫންއާއި ހަމައަށް: 519