ޚަބަރު

"ކޮޅުމަޑުލު އިންޓަރ ސްކޫލު އެތުލެޓިކްސް މީޓް" ފަށައިފި


ކޮޅުމަޑުލު އަތޮޅު ކައުންސިލުން އިންތިޒާމްކުރައްވައިގެން އެ އަތޮޅުގައި ބާއްވާ "ކޮޅުމަޑުލު އިންޓަރ ސްކޫލު އެތުލެޓިކްސް މީޓް" ފަށައިފިއެވެ. 

އިއްޔެއިން ފެށިގެން މިމަހުގެ ސައުވީހުގެ ނިޔަލަށް އެއަތޮޅު ތިމަރަފުށީގައި ކުރިއަށްދާ މިސްޕޯޓްސް މީޓްގައި އަތޮޅުގެ 9 ރަށެއްގެ ސްކޫލަކުން 169 ދަރިވަރުން ބައިވެރިވާކަމަށް ތ.އަތޮޅު ކައުންސިލުން ވިދާޅުވިއެވެ. 8 އިވެންޓް ހިމެނޭގޮތަށް ބާއްވާ މި މުބާރާތުގައި ހިމެނެނީ ދެ ޢުމުރުފުރައެވެ. އެއީ 13 އަހަރުން ދަށާއި 17 އަހަރުން ދަށެވެ.

ސްކޫލުތަކުން ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި 4 ކެޓަގަރީގެ ދުވުމާއި، ފެތުމާއި، ދިގުފުންމުމާއި އުސްފުންމުން ހިމެނެއެވެ. ދުވުމުގެތެރޭގައި ރިލޭ ރޭހާއި މެރަތަންވެސް ހިމެނެއެވެ. މިއަދު ކުރިއަށް ގެންދިޔަ ޙަރކާތްތަކުގެ ތެރޭގައި ހިމެނެނީ 100 މީޓަރ ރިލޭ ރޭހާއި، 100 މީޓަރ ސްޕްރިންޓް، 200 މީޓަރ ސްޕްރިންޓް، އުސް ފުންމުމާއި ދިގު ފުންމުމެވެ.

މިއަދު ބޭއްވި ކުޅިވަރުތަކުގެ ތެރެއިން ފެތުމުގެ 17 އަހަރުން ދަށުގެ އަންހެން ވަނަތަކަށް މެޑަލް ދިނެވެ. ރަންމެޑެލް ހޯދީ ކިނބިދޫ ސްކޫލުގެ ދަރިވަރު މަރިޔަމް ސިބާއެވެ. އަދި 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ދިގުފުންމުމާއި ފިރިހެން ކުދިންގެ އުސްފުންމުމުން ވަނަތަށް ހޯދި ފަރާތްތަކަށްވެސް މެޑަލް ދިނެވެ. އަންހެން ކުދިންގެ ދިގު ފުންމުމުން ރަންމެޑަލް ހޯދީ ވޭމަންޑޫ ސްކޫލުގެ ދަރިވަރު ފާތިމަތު މަލަކް ލުތުފީއެވެ. ފިރިހެން ކުދިންގެ އުސް ފުންމުމުން ރަންމެޑަލް ހޯދީ ހިރިލަންދޫ ސްކޫލުގެ ދަރިވަރު ޢަބްދުﷲ ފައިޒާންއެވެ. ދިގުފުންމުމުގެ 17 އަހަރުން ދަށުގެ އަންހެންކުދިންގެ ބައިން ރަންމެޑަލް ހޯދީ ހިރިލަންދޫ ސްކޫލުގެ ދަރިވަރު މަރިޔަމް ލަމްހާއެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލުން ޚަރަދުކުރައްވައިގެން ބާއްވަވާ މި މުބާރާތް ރާވާފައިވަނީ ސްކޫލުތަކުން ނެންގެވި ފަންނީ ކޮމިޓީއަކުންކަމަށް ތ. އަތޮޅު ކައުންސިލުން މަޢުލޫމާތުދެއްވައެވެ.