އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާގުޅޭގޮތުން އެޤައުމުގެ ކަމާބެހޭ ފަރާތްތަކާ ފޮރިން މިނިސްޓްރީން މަޝްވަރާކުރައްވަމުންގެންދަވާ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިކަން ހާމަކުރައްވާފައި މިވަނީ އޮންއެރައިވަލް ވިސާގައި އޮމާނަށް އެތެރެވާންދިޔަ ދިވެއްސަކަށް އެޤައުމަށް އެތެރެވުމުގެ ހުއްދަ ނުދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާފައިވަނިކޮށެވެ.
ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވަނީ މިއަހަރުގެ މަރޗްމަހުގެ 30 ވަނަ ދުވަހުއެވެ. މިއިންތިޒާމުގެ ދަށުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ މީހުންނަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެކަމަށްވަނީ ވިދާޅުވެފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ މިގޮތަށް ހާމަކުރައްވާފައިވަނީ އެވަގުތު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް އެގޮތަށް މަޢުލޫމާތުދެއްވާފައިވާތީ ކަމަށެވެ. ނަމަވެސް އޭގެފަހުން މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ބައެއް ޝަރުޠުތައް ފުރިހަމަވުމުން ކަމަށް މިނޫސްބަޔާނުގައިވެއެވެ.
އެގޮތުން އޮމާންއަށް ދަތުރުކުރާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ލިބެނީ އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ޤައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ޤައުމެއްގެ ރަށްވެހިކަން އޮންނަ ފަރާތްތަކަށާއި، ހޮޓެލް ބުކިންގ އާއި ދެކޮޅު ޓިކެޓާއި، ހެލްތު އިންޝުއަރަންސް އޮންނަ ފަރާތްތަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
އެހެންކަމުން އޮމާންއަށް ދަރުތުކުރައްވާ ފަރާތްތަކުން މިޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަގައިގެން އޮމާނަށް ދަތުރުކުރުމަށް ފޮރިން މިނިސްޓްރީންވަނީ އަންގަވާފައެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާގުޅޭގޮތުން އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ މި މިނިސްޓްރީން މަޝްވަރާކުރަމުންގެންދަވާ ކަމަށެވެ.