ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ބައްޔެއް ނެތުމެއް ނޫން: ފަޒްނާ


  • "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން"އަކީ ވިލާކޮލެޖުން ބާއްވާ ހަރަކާތެއް

  • މިއެގްޒިބިޝަން 2 ދުވަހަށް ކުރިއަށްދާނެ

  • އެގްޒިބިޝަން ކުރިއަށްދާނީ އާއްމުންނަށްވެސް ބައިވެރިވެވޭގޮތަށް

ނަފްސާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ބައްޔެއް ނެތުން ނޫންކަމަށާއި، އެއީ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގައި އުއްމީދީ ނަޒަރަކުން ވިސްނުން ބެހެއްޓުމުގެ ކުޅަދާނަކަން ހުރެހެން ކަންކަމާއި ކުރިމަތިލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައިގެން ވިލާކޮލެޖުން އިސްނަގައިގެން ކުރިއަށްގެންދާ "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން"ގެ ދެވަނަ އެގްޒިބިޝަން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި އެގްޒިބިޝަނަކީ މުޖުތަމަޢުގައި ނަފްސާނީ ދުޅަހެޔޮކަން އޮތް މިންވަރާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދިރާސީ ނަޒަރަކުން ބަލާ، މިކަމާއިމެދު މަޝްވަރާކުރުމަށް ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ސިންޕޯޒިއަމްއެވެ.

ސިންޕޯޒިއަމް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުމްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމާއި މެދު މުޖުތަމަޢު އަދި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެކަމަށެވެ. ޖިސްމާނީ ދުޅަހެޔޮކަމާއި އެއްގޮތަށް ނަފްސާނީ ދުޅަހެޔޮކަމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި މިއަދު މުޖުތަމަޢު ބަލައިގެންފައިވާކަމަށެވެ.

ފަޒްނާ ވިދާޅުވީ އިންސާނާ ދިރިދެމިހުރުމުގައި، މީހާގެ ނަފްސާނީ ޙާލަތު ބޮޑު ދަޢުރެއް އަދާކުރާކަމަށެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ޙަގީގަތް އެއީ އިންސާނީ ތަޖުރިބާއެއް، ޖަޒުބާތެއް އަދި އުއްމީދާއި ގުޅި ލާމެހިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.

"އިމާރާތަކަށް ވަރުގަދަ ބިންގަލެއް ބޭނުންވާގޮތަށް، ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދުން، އާއިލާ، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް އެހީވާ ބާރު. މިކަމުގެ ފަރުވާގެ ޚިދުމަތަކީ ލާމަރުކަޒުކޮށް އަތްފޯރާ އަގުގައި ފުރިހަމައަށް ދެވޭ ޚިދުމަތަކަށް ވާންޖެހޭ. އޭރުން ދުޅަހެޔޮ އުފެއްދުންތެރި މުޖުތަމަޢެއް ބިނާކުރެވޭނީ." ފަޒްނާ އަޙުމަދު ވިދާޅުވިއެވެ.

ފަޒްނާ އަޙުމަދު ވިދާޅުވީ ސްކޫލް މާޙައުލާއި އަދި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމުގެތެރެއިން މިޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ލިބެން ޖެހޭކަމަށެވެ. އަދި މިކަމުގައި މުޖުތަމަޢުގެ އެއްވެސް ފަރުދެއް ބާކީވެގެން ނުވާނެކަމަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. ވިލާ ކޮލެޖުގެ މި ހަރަކާތް 2 ދުވަހަށް ކުރިއަށްދާނެއެވެ. މީގެ ތެރެއިން ބޭއްވި ސިންޕޯޒިއަމްގައި ސައިކޮލޮޖީގެ ދާއިރާއިން ވިލާ ކޮލެޖުގެ ދަރިވަރުން ހަދާފައިވާ ރިސަރޗް ޕޭޕަރު ހުށައެޅުމާއި، ޕެނަލް ޑިސްކަޝަން ކުރިއަށްގެންގޮސްފައިވެއެވެ. އަދި އެގްޒިބިޝަންގައި ސައިކޮލޮޖީއަކީ ކޮބައިކަން ބުނެދިނުމަށް، އާއްމުންނަށް ބައިވެރިވެވޭގޮތަށް އެކިކަން ޑިސްޕްލޭކުރުމަށްވަނީ ހަމަޖެހިފައެވެ.