ކުޅިވަރު

ލުބުނާނުން ފަހަތުން އަރައި ރާއްޖެ ބަލިކޮށްފި


އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕުގެ ކޮލިފައިންގައި ރާއްޖެއިން ލީޑު ނަގާފައިވަނިކޮށް، ފަހަތުން އަރައި ކާމިޔާބުކުރި ލަނޑުތަކާއެކު ލުބުނާނުން މެޗު ކާމިޔާބުކޮށްފިއެވެ.

ލުބުނާނުން މި މެޗު ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ދުނިޔޭގެ ރޭންކިންގެ ހަ ވަނައިގައި އޮތް އީރާން އަތުން 18-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ލުބުނާނާއި ދެކޮޅަށް ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މެޗު ފަށައިގެން ކުރީކޮޅު ރާއްޖެއިން ވަނީ ލުބުނާނަށް ޕްރެޝަރުކޮށްފައެވެ. ހާއްސަކޮށް ރާއްޖޭގެ އަލީ ޝިޔާހަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ލިބުނާނުގެ ފަހަތް ފޫއަޅުވާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މެޗުގައި ރާއްޖެއިން ލީޑު ނެގީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް އެވެ. މިއީ ރާއްޖެ ޓީމުގެ ގޯލްކީޕަރު ޒައިދާން ކުރިއަށް އެއްލި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ލުބުނާނުގެ ދެ ކުޅުންތެރިންނާއި ކީޕަރު ކަޓުވާލުމަށްފަހު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ލުބުނާނުން ނަތީޖާ ހަމަހަމަކޮށްފައިވަނީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

ދެވަނަ ހާފުގައި ލުބުނާނުން ހަތަރު ލަނޑު ޖެހިއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައެވެ. މި ލަނޑު ޖެހިތާ ދެ މިނިޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ އެންމެ ފަހުކޮޅު އެ ޓީމުން ގާތްގާތުގައި ދެ ލަނޑު ޖެހިއެވެ.

އޭޝިއަން ކަޕުގައި 11 ފަހަރު ވާދަކޮށްފައި ލުބުނާނަކީ 2003 ވަނަ އަހަރުން ފެށިގެން ގަވާއިދުން އޭޝިއަން ކަޕްގައި ވާދަ ކުރަމުން އަންނަ ޓީމެކެވެ.