ޚަބަރު

ނަފްސާނީ ދުޅަހެޔޮ ވެއްޓެއް ބިނާކުރާނެ ފަދަ ސިޔާސަތު އެކުލަވާދޭނަން: ޑރ. މުޢިއްޒު


  • ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޙައްގެއް

  • އެޙައްގު ކަށަވަރުކުރުމަށް ދުޅަހެޔޮ ވެއްޓެއް ބިނާކުރަންޖެހޭ

  • އެވެށި ބިނާކުރެވޭނެ ފަދަ ސިޔާސަތުތަކެއް ޑރ. މުޢިއްޒުގެ ސަރުކާރުގައި އެކުލަވާލާނެ

ނަފްސާނީ ގޮތުން ދުޅަހެޔޮ ވެއްޓެއް ބިނާކުރުމަށް ސިޔާސަތުތައް ބައްޓަންކުރައްވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެއްކަމަށެވެ. އަދި އެކަން ކަށަވަރު ކުރެވޭނީ ހަމަޖެހޭ ދުޅަހެޔޮ ވެއްޓެން ޤާއިމުކުރައްވާއިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެކުލަވާލާ ސިޔާސަތުތައް ވެގެންދާނީ އެފަދަ ވެއްޓެއް ޤާއިމުކުރުމަށް މަގުފަހިކުރާ ސިޔާސަތުތަކެއްކަމަށެވެ. އަދި ކޮންމެ މީހަކީވެސް އެއްވެސް ހުރަހެއްނެތި ނަފްސާނީ ފަރުވާއާއި އެހީތެރިކަން ލިބިދެވޭ މީހެއްކަން ކަށަވަރުކުރައްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ނަފްސާނީ ގޮތުން އެކި މީހުން ތަޙައްމަލުކުރަމުންދާ ދަތިތަކާއި ތަކުލީފުތަކާއި ބަލީގެ ފަރުވާއަށް ކުރިމަތިވެފައިވާ ހުރަސްތަކާއި މެދު ޢާއްމުންނާއި މުވައްސަސާތައް ހޭލުންތެރިކުރުވާ އެމައްސަލަތަކުން އަރިގަތުމަށް ބާރު އެޅުމަށް ފާހަގަކުރާ ދުވަހެކެވެ.

މި ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. މިދުވަސް ފާހަގަކުރުމަށް ޑަބްލިއުއެޗްއޯއިން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ، "ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ މީހެއްގެވެސް އިންސާނީ ޙައްގެއް." މިޝިޢާރެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން ތަޙައްމަލުކުރަމުންދާ އެއް ބައްޔަކީ ނަފްސާނީ ބައްޔެވެ. ރާއްޖޭގައިވެސް މިބަލީގެ ޝިކާރައަކަށްވަމުންދާ މީހުންގެ ޢަދަދު ނިސްބަތުން ގިނައެވެ.