ޚަބަރު

ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ޙަމާސް ތައްޔާރު


އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު އެބައޮތް ކަމަށާއި ކަމާ ގުޅުން ހުރި މަޝްވަރާތައް ކުރުމަށް ޙަމާސް ތައްޔާރަށް އޮތްކަމަށް އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

އަލް ޖަޒީރާއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޙަމާސް ޖަމާޢަތުގެ އޮފިޝަލެއްކަމަށްވާ މޫސާ އަބޫ މަރްޒޫކް ވިދާޅުވީ އެ ޖަމާޢަތުން ހަމަލާތަކާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށެވެ. އަދި ހުރިހާ ސިޔާސީ މަޝްވަރާތަކަށްވެސް އެއްބާރުލުން ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މަރްޒޫކް ވިދާޅުވީ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ މަޤްޞަދު ހާސިލްވެފައިވާކަމަށެވެ. އަދި އިސްރާއީލްގެ ޑުއަލް ސިޓިޒަންޝިޕް ލިބިފައިވާ ދިހަވަރަކަށް ރައްޔިތުން ޙަމާސް ޖަމާޢަތުން އަތުލައިގަނެފައިވާ އިރު އޭގެ ތެރޭގައި ރަޝިޔާއާ ޗައިނާއަށް ނިސްބަތްވާ ބަޔަކުވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފެށި "އޮޕަރޭޝަން އަލް-އަޤްސާ"ގެ ދަށުން ޣައްޒާ ހުރަސްކޮށް އިސްރާއީލުގެ އެތެރެއަށް ވަދެ އިސްރާއީލުގެ އެތައް އަވަށަކާއި އިސްރާއީލު ސިފައިންގެ އަސްކަރީ މަރުކަޒުތަކެއް ޙަމާސް ޖަމާޢަތުން ވަނީ ހިފާފައެވެ. މި ހަނގުރާމަ އިސްރާއީލުގެ އެތެރޭގައި ހިނގަމުންދާއިރު، މިހާތަނަށް އިސްރާއީލުގެ 1،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 1،700 އަށްވުރެ ގިނަމީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން، ޙަމާސް ޖަމާޢަތުން ވަނީ އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިންގެ އެތައް ހާސް ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްގެން ޣައްޒާއަށް ގެނަސްފައެވެ.