ޚަބަރު

އިސްރާޢީލުން ފަލަސްޠީނުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލަން އެމްޑީޕީން ގޮވާލައިފި


  • އިސްރާޢީލުގެ ޢަމަލުތަށް ކުށްވެރިކުރި

  • އަބަދުވެސް ސުލްހައަށް ވަކާލާތު ކުރާނެކަމަށް

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ބައިނަލްއަޤުވާމީ ހަމަތަކުގެ މަތިން ހުއްޓާލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން އެކަމަށް ގޮވާލާ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ފަލަސްތީނުގެ މުސްލިމުންނަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ފަލަސްޠީނާއި ދެކޮޅަށް އިސްރާޢީލުން ކުރަމުންދާ ހަނގުރާމައާއި މެދު ކަންބޮޑުވާކަމަށް ބުނެފައެވެ. އަދި ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް، އެ މީހުންގެ ލޭ އޮހޮރުވައިލުމަށް އިސްރާޢީލުން ދެމުންދާ ހަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް މި ބަޔާނުގައިވެއެވެ.

އެމްޑީޕީއަކީ ސުލްޙައާއި ހަމަޖެހުމަށް ވަކާލާތުކުރާ ޕާޓީއެއްކަން ފާހަގަކުރަމުން މި ބަޔާނުގައި ބުނެފައިވަނީ އިންސާނީ ހައްޤުތަކަށް އިޙްތިރާމްކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކުގެ މަތިން އެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް އެޕާޓީން ވަކާލާތު ކުރާނެކަމަށެވެ.

މީގެ އިތުރަަށް، ފަލަސްޠީނުގައި އުޅޭ ރައްޔިތުންގެ ޙައްޤުތައް ހޯދާދިނުމަށް، އެމްޑީޕީން އަބަދުވެސް ވާކާލާތު ކުރާކަމަށް މި ބަޔާނުގައިވެއެވެ. އެގޮތުން، އިސްރާޢީލުން ފަލަސްޠީނުގެ ބިންތައް އަޅުވެތިކޮށް، ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ އެންމެ މުޤައްދަސް އެއް މިސްކިތް ކަމުގައިވާ މަސްޖިދުލް އަޤްޞާ ޙިޞާރުކުރުމާއި ދެކޮޅަށް، އަބަދުވެސް އެމްޑީޕީން ދަނީ އަޑުއުފުލަމުން ކަމަށް، މި ބަޔާނުގައި ބުނެފައިވެއެވެ.