ޚަބަރު

އިންތިޚާބީ ރައީސް ހުވާކުރެއްވުން 17 ނޮވެންބަރުގައި ޖުމްހޫރީ މައިދާނުގައި


  • އިންތިޚާބީ ރައީސްވަނީ ޖުމްހޫރީ މައިދާނުގައި ޖަލްސާ ބޭއްވެވުމަށް އެދިވަޑައިގެންފައި

  • އިންތިޚާބީ ރައީސަކު އެދިވަޑައިގަންނަވާގޮތަށް މަޖިލީހުން އިންތިޒާމް ކޮށްދެއްވާ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެންބަރު މަހުގެ 17 ވާ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވެވުމަށް މަޝްވަރާ ކުރައްވަމުން އަންނަކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، ހުވާކުރުމުގެ ރަސްމިއްޔާތައި ގުޅޭ އިންތިޒާމްތައް ޤާނޫނު އަސާސީ އާއި އެއްގޮތްވާގޮތުގެ މަތިން ހަމަޖައްސަވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ޢާންމު އުސޫލެއްގެ ދަށުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅޭ ކަންކަން، އަލަށް އިންތިޚާބުވާ ރައީސަކު އެދިވަޑައިގަންނަވާގޮތަށް މަޖިލީހުން ކޮށްދެއްވައެވެ. އެގޮތުގެ މަތިން، ނޮވެންބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު، ޖުމްހޫރީ މައިދާނުގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހާއި، އިންތިޚާބީ ރައީސް އާއި ދެމެދު މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ތާރީޚަށް ބަލާލާއިރު، ކަންދިމާކުރި ގޮތުން 17 ނޮވެންބަރު މިދިމާވަނީ ހުކުރު ދުވަހަކަށް. މިހާރު މަޝްވަރާ ކުރެވިފައިވަނީ ކުރިން އިންތިޚާބީ ރައީސް ވެސް ޢިޝާރާތް ކުރައްވާފައިވާ ފަދައިން، ޖުމްހޫރީ މައިދާނުގައި މިދަރުބާރު ބޭއްވުމަށް. މިހާރު މަޝްވަރާ ކުރެވިފައިވާ ގަޑިއަކީ 17 ނޮވެންބަރު ވާ ހުކުރު ދުވަހުގެ ހަވީރު ވަގުތެއްގައި މިދަރުބާރު ކުރިއަށް ގެންދިއުން." ފިރުޒުލް ވިދާޅުވިއެވެ.

އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެން، މިރަސްމިއްޔާތައް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޤާނޫނުގައި އޮންނަ ގޮތުން ރާއްޖޭގެ ވެރިކަމަށް އަލަށް އިންތިޚާބުވާ ރައީސަކު ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެންބަރު 17 ވަނަ ދުވަހުއެވެ.

2013ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ވެރިކަން ފެށުނީ އެއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިގޮތަށް ދިމާވީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން އިންތިޚާބުގެ ދެބުރު އަލުން ބާއްވަން ޖެހުމާއި ގުޅިގެންނެވެ. ދައުރުން ފެށުން މިގޮތަށް ލަސްވެފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ މަތިންނެވެ.

އެހެންނަމަވެސް ގާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްވަނީ ވިދާޅުވެފައެވެ. ނަމަވެސް ޤާނޫނީ ހުރަސްތައް ހުރުމުން މިފަހަރުވެސް ނޮވެމްބަރު 11 ގައި ހުވާކުރެއްވޭ ގޮތްވެފައި ނުވާކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.