ކުޅިވަރު

އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ލެސްޓަރ ސިޓީ


ޕްރީ ސީޒަންގައި ކުޅޭ އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ލެސްޓަރ ސިޓީ، ޕީއެސްޖީއާ ބާސެލޯނާއާ ވާދަކުރަން ޖެހިއްޖެއެވެ.



ޕްރިމިއަރ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލެސްޓަރ ސިޓީ މިއީ މިމުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަންނަ ސީޒަނަށް ތައްޔާރުވުމަށް ކުޅޭ މިމުބާރާތުގައި ދިހަ ޓީމް ވާދަކުރާނެއެވެ. އެއީ ބާސެލޯނާ، ރެއާލްމެޑްރިޑް، ޕީއެސްޖީ. އިންޓަރ މިލާން، އޭސީ މިލާން، ސެލްޓިކް، ލެސްޓަރ ސިޓީ، ލިވަޕޫލް، ޗެލްސީ އަދި ބަޔާން މިއުނިކެވެ. 



ލެސްޓަރ ސިޓީއަކީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފެނުން ކައިރި އެއް ކްލަބެވެ. އިނގިރޭސި ބޮޑެތި ޓީމްތަކާ އެއް ހަމައެއްގައި މިސީޒަނުގައި ވާދަކުރަމުން އަންނަ ލެސްޓަރ ސިޓީ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ސެލްޓިކާ ދެކޮޅަށް ކުޅޭ މެޗެވެ. ޕީއެސްޖީއާ ދެކޮޅަށް ލެސްޓަރ ކުޅޭނީ ޖުލައި ތިރީހުގައެވެ. އަދި ބާސެލޯނާއާ ލެސްޓަރ ވާދަކުރާނީ އޮގަސްޓް ތިންވަނަ ދުވަހުއެވެ. 

ލެސްޓަރ ސިޓީގެ ޗީފް އެގްޒެކްޓިވް ސޫޒަން ވީލަން ބުނީ މިމުބާރާތުގެ ދަޢުވަތު ލެސްޓަރ ސިޓީއަށް ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި، އަންނަ ސީޒަނަށް ތައްޔާރުވުމަށް ކްލަބަކަށް ލިބޭނެ އެންމެ ރަނގަޅު މެޗްތައް ލެސްޓަރއަށް ލިބިފައިވާ ކަމަށެވެ. އަދި މިއީ ލެސްޓަރގެ ނަން މުޅި ދުނިޔޭގައި ވިދާލުމަށް ލިބުނު ފުރުސަތެއްކަމަށް ސޫޒަން ބުންޏެވެ.



 ލެސްޓަރ ސިޓީއަކީ މިސީޒަނުގައި އިނގިރޭސި ލީގު ހޯދާނެ ކަމަށް ބެލެވޭ ކްލަބެވެ. އެޓީމް މިވަގުތު ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކުއެވެ. ޕްރިމިއަރ ލީގު ލެސްޓަރ ހޯދައިފިނަމަ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގު ޑްރޯގެ ފުރަތަމަ ޕޮޓުން ލެސްޓަރއަށް ޖާގަ ލިބޭނެއެވެ.