ޚަބަރު

ބަޖެޓުގެ މަސައްކަތްކުރަން އިންތިޚާބީ ސަރުކާރުން 7 މެންބަރުންގެ ކޮމިޓީއެއް


  • މިކޮމެޓީންވަނީ ދައުލަތުގެ މާލިއްޔަތާއި ބެހޭ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައި

  • ބަޖެޓުގެ މަސައްކަތަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސަށް އޮތްކަމަށް ވިދާޅުވި

  • އިންތިގާލީ ކޮމިޓީތަކުން އަދި އެއްވެސް އިދާރާއަކަށް ޒިޔާރަތްނުކުރާ ކަމަށް ވިދާޅުވި

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރުމަށް 7 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ މިކޮމިޓީން މިހާރު މަސައްކަތްތައް ފަށާފައިވާކަމަށެވެ. އެގޮތުން ކޮމެޓީގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮމިޓީން ހޯދުމަށް އެދިފައިވާ މަޢުލޫމާތު ތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ މާލިއްޔަތު މިހާރު އޮތްގޮތާއި، ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ގޮތުގެ މަޢުލޫމާތު ހިމެނޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ބަޖެޓް އެކުލަވާލުމުގައި ސަރުކާރުގެ އެއްބާރުލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އިންތިޚާބީ ރައީސްގެ ބައްދަލުކުރެއްވުމުގައި، ބަޖެޓު އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އިންތިޚާބީ ރައީސްގެ ޓީމަށް އަރުވާފައިވާ ކަމަށެވެ. އެހެންކަމުން އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ބޭނުންވާ ކަންކަން ހިމަނައިގެން 2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު އެކުލަވާލެވިގެން ދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލު ކުރި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހުރިއްޔާ ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް، އަދި އެމްޑީޕީގެ ފަރާތުން ވެސް ވިދާޅުވެފައި އެބަވޭ، ބަޖެޓު އެކުލަވާލުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް، އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ޓީމަށް އެއްބާރުލުން ދެއްވާނެކަމަށް." ފިރުޒުލް ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ބައެއް އިދާރާތަކާއި ކުންފުނިތަކުން، ވަޒީފާއަށް މީހުން ވެއްދުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި، ވަޒީފާގެ އައު މަޤާމުތައް އުފައްދަމުން އަންނަކަމުގެ މަޢުލޫމާތު، ލިބެމުންދާކަމަށެވެ. އެހެންކަމުން ކުންފުނިތަކާއި އިދާރާތަކުން، އިންތިޤާލީ މަރުޙަލާގައި އެގޮތަށް ޢަމަލު ނުކުރެއްވުމަށް ފިރުޒުލް އިލްތިމާސްކުރައްވާފައެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ އިންތިޤާލީ ކޮމެޓީގެ ފަރާތުން އަދި އެއްވެސް އިދާރާއަކަށް ޒިޔާރަތްކުރައްވާފައި ނުވާކަމަށާއި، އެހެންނަމަވެސް، މަޢުލޫމާތު އެއްކޮށް، ކޮމިޓީއަށް ފޯރުކޮށްދިނުމަށް އެދި އިދާރާތަކަށް، ސިޓީ ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.