ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓު ތަރައްޤީކުރެވޭގޮތަށް ގަވާއިދު އާއްމުކޮށްފި


  • ފަޅުރަށާއި ފަޅުތަކުގައިވެސް އިންޓަރގްރޭޓެޑް ޓޫރިސްޓް ރިސޯޓު ހިންގިދާނެ

  • ނިމިފައި ހުރި ރިސޯޓެއް އިންޓެގްރޭޓެޑް ރިސޯޓަކަށް ބަދަލު ކުރަން 1 ޑޮލަރު ދައްކަން ޖެހޭ

މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓު ތަރައްޤީކުރެވޭގޮތަށް އެކަމާއި ގުޅޭ ގަވާއިދު އާއްމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކޮށްފައިވާ ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމާއިބެހޭ ގަވާއިދުގައިވާގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކުގައި، ވަކި ޓޫރިސްޓް ރިސޯޓު، ހޮޓެލް އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ އެނޫން ވަސީލަތްތައް ވެސް ޤާއިމުކުރެވިދާނެއެވެ.

އަދި އިންޓަގްރޭޓެޑް ރިސޯޓުގައި، ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ ރެސްޓޯރަންޓާއި ފީނުމުގެ ޚިދުމަތްދޭ ފަދަ ތަންތަން ތަރައްޤީކޮށް ހިންގަންވާނީ، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުގައި ތިބޭ ފަތުރުވެރިންގެ އިތުރުން އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުންނަށް ބޭނުންކުރެވޭ ގޮތަށްކަމަށް ގަވާއިދުގައިވެއެވެ.

އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށް ބޭނުންވާ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅަނީ މީހުން ދިރިއުޅޭ ރަށަކުން ބިމެއްނަމަ، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކުރުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި ފަތުރުވެރިކަމުގެ ބިން ކަނޑައެޅުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަވެފައިވާ ސަރަހައްދުތަކެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން، ފަޅުރަށްރަށާއި ފަޅުތައް ހިއްކައިގެންވެސް އިންޓަރގްރޭޓަޑް ޓޫރިސްޓް ރިސޯޓު ހިންގުމަށް ހުއްދަ ދިނުމަށްވަނީ ނިންމާފައެވެ.

ގަވާއިދުގައިވާގޮތުން އިންޓަގްރޭޓަޑް ރިސޯޓުގެ ތެރެއިން ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާ ވަކި ބިމަކީ އެ ރަށެއްގެ އަތިރިމަތިން ކަނޑައަޅާ ބިމެއްކަމަށް ވާންޖެހެއެވެ. ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްޤީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޯޓުގައި އިތުރު ވަކި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ހުއްދަދެވޭނީ އެސަރަހެއްދެއްގެ ފަންސާސް އިންސައްތައިގައެވެ.

އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއްގައި ވަކިވަކި ހޮޓާތައް ތަރައްޤީކުރަންވާނީ އެކަމަށް ކަނޑައަޅާ ބިމުގެ ސަރަޙައްދުގެ އަށްޑިހަފަހެއް އިންސައްތައަށް ކަމަށް ގަވާއިދުގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކުގައި ޔޮޓް މެރީނާތައްވެސް ތަރައްޤީކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ. ގަވާއިދުގައިވާގޮތުން މިހާރު ތަރައްގީކޮށް ނިމިފައި ހުރި ރިސޯޓެއް، އިންޓެގްރޭޓެޑް ރިސޯޓަކަށް ބަދަލު ކުރާނަމަ އެއް މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އައު ގަވާއިދުގައިވެއެެވެ.

އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ހިންގުމަށް ދެވޭ ލައިސަންސްގެ މުއްދަތަކީ 20 އަހަރުދުވަހުގެ މުއްދަތެއްކަމަށްވެސް މި ގަވާއިދުގައިވެއެވެ.