ޚަބަރު

ފަސްޓްލޭޑީ އާއި އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ބައްދަލު ކުރައްވައިފި


  • - ބައްދަލުކުރެއްވުން އޮތީ މުލިއާގޭގައި

  • - ފަޒްނާ ވަނީ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މުލިއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ފަޒްނާ އަޙްމަދު ވަނީ އިންތިޚާބުގައި ޑރ. މުޙައްމަދު މުޢިއްޒު ހޯދެއްވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

މިއަދު ހެނދުނު، މުލީއާގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވެރިކަމުގެ މި ދައުރުގައި އެކަމަނާގެ ތަޖުރިބާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުނާ ޙިއްޞާ ކުރައްވައި، އެއްވެސް ކަމަކަށް އެހީތެރިކަން ބޭނުންފުޅުވާނަމަ އެކަމަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެކަމަނާ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް އެކަމަނާގެ ފަރާތުން ކުރައްވަންޖެހޭ މަސައްކަތްޕުޅުތައް ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެކަނބަލުންވެސް ވަނީ އިޖުތިމާޢީ ކަންކަން ކުރެއްވުމަށް ޝައުޤުވެރިކަންހުރިކަން ފާޅުކުރައްވާފައެވެ. އަދި އިޖުތިމާޢީ ބައެއް މައްސަލަތަކާއި އެކަންކަން ޙައްލުކުރަން އިތުރަށް މަސައްކަތްޕުޅު ކުރައްވަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެކަނބަލުންވެސް ވަނީ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވާފައެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދެބޭފުޅުންވެސް ވަނީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެޑއިގެންފައެވެ. އަދި ދެ ބޭފުޅުންވެސް ފިރިކަލުންނަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ޑރ. ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ހޯއްދެވީ 129،159 ވޯޓާއި އެކު 54 އިންސައްތަ ދިވެހި ރައްޔިތުންގެ ތާއިދާއެކުއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލިބިވަޑައިގަތީ 109868 ވޯޓްއެވެ. އެއީ ވޯޓްލީ މީހުން 45.9 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ދާއިމީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.