ޚަބަރު

ދޫނި ރާއްޖޭގެ ރައީސުންގެ ލިސްޓަށް އިންތިޚާބީ ރައީސް ޑރ.މުޢިއްޒު


  • މާކަނާ ޝޯވއަކީ ސިޔާސީ ދާއިރާގެ މަޖާ ވާހަކަތައް ގެނެސްދޭ ޝޯވއެއް

  • ހުރިހާ ރައީސުންގެ އެނިމޭޓެޑް ކެރެކްޓަރތަކުގެ ވާހަކަ ހިމެނޭ

  • މި ލިސްޓަށް އިންތިޚާބީ ރައީސް ޑރ.މުޢިއްޒު މިވަނީ އިތުރުކޮށްފައި

  • މިއީ ރާއްޖޭގެ އެންމެ ގިނަދުވަސްވީ އެނިމޭޓެޑް ޝޯވ

މަޝްހޫރު އެނިމޭޓަރ ޔާމިން ރަޝީދުގެ މާކަނާ ޝޯވއަކީ ރާއްޖޭގައި މިހާތަނަށް އުފައްދާ، ދައްކަމުންދާ އެންމެ ބޮޑު އެނިމޭޓެޑް ޓޯކް ޝޯވ އެވެ. އަދި ސިޔާސީ ވާހަކަތަކަށް ރިޔާއަތްކޮށް ގެނެސްދޭ ހަމައެކަނި އެނިމޭޓެޑް ޝޯވވެސް މެއެވެ. މި ޝޯވްގައި ދައްކުވައިދިނީ ދޫނީންގެ ރާއްޖެ ނުވަތަ "ދޫނި ރާއްޖެ" ވަކި ދަޢުލަތެއްގެ ގޮތުގައި ހިންގުމުގައި ކުރަމުންދިޔަ ކަންތައްތަކެއްގެ މަޖާ ވާހަކަތަކެކެވެ.

މާކަނާ ޝޯވ ވައިގައި ހިފި އެންމެ ބޮޑު ސަބަބަކީ، މި ޝޯވގައި ގެނެސްދިން ރާއްޖޭގެ ރައީސުންގެ ވާހަކަތަކެވެ. މުނިފޫހިފިލުމުގެ ބޭނުމަށް އުފެއްދި މި ޝޯވްގައި ދޫނީގެ ސިފައިގައި މިި ޝަހުސިއްޔަތުތަކުގެ ޝައުގުވެރި ކެރެކްޓަރތައްތައް ވަނީ ހަދާފައެވެ. މި ޝޯވގެ އެޕިސޯޑްތަކުގައި އެއިރެއްގެ ރާއްޖޭގެ ސިޔާސީ އޮއިވަރަށް، އަންނަމުންދާ ބަދަލުތައް ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.

ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުންގެ ކެރެކްޓަރ މި ޝޯވްގައި ވަނީ ހިމަނާފައެވެ. އެެއިން ކޮންމެ ކެރެކްޓަރއެގެ ވާހަކަތަކަކީވެސް ބެލުންތެރިން ހެއްވާލާ، މަޖާ އެތައް ވާހަކަތަކެއް ގެނެސްދޭ ކެރެކްޓަރތަކެކެވެ.

ދޫނި ރާއްޖޭގެ ރައީސުންގެ ލިސްޓަށް މިހާރު މިވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް އިތުކޮށްފައެވެ. ޔާމިން ރަޝީދު ވަނީ ޑރ.މުޢިއްޒުއާއި ބައްދަލުކުރައްވާ، މާކަނާ ޝޯވގައި އިންތިޚާބީ ރައީސް ޑރ.މުޢިއްޒުގެ ކެރެކްޓަރގެ ކުރެހުމެއް އެމަނިކުފާނަށް އަރުވާފައެވެ. އަދި މި ޝޯވގެ ކުރިއަށްހުރި ބައިތަކުގައި އާއްމުންނަށް ފައިދާވާ ޝައުގުވެރި މެސެޖުތަކެއް ގެނެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޑރ.މުޢިއްޒުގެ އޮފިޝަލް ސޯޝަލް މީޑިއާ ޕޭޖްތަކުގައިވެސް މި ފޮޓޯ ޝެއަރކުރައްވާ، ބިނާކުރުވަނިވި ފާޑުކިޔުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުޞަތު ދެއްވާނެކަން ފާހަގަކުރައްވާފައިވެއެވެ.

ޑރ.މުޢިއްޒުގެ ކެރެކްޓަރ ޔާމީން ރަޝީދު ސޯޝަލް މީޑިއާގައި އާއްމުކުރީ މީގެ ދެ ދުވަސް ކުރިންނެވެ. މިއާއެކު 2000އަށްވުރެ ގިނަ މީހުން ރިއެކްޓްކޮށް، 300އަށްވުރެ ގިނަ މީހުން ޕޯސްޓް ޝެއަރކޮށްފައިވެއެވެ. މި ކެރެކްޓަރއަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވާއިރު، އެންމެންގެވެސް ބޮޑު ޝައުގުވެރިކަމެއް ހުރީ މި ކެރެކްޓަރއަށް ދޭނެ ނަމަކަށެވެ. ދޫނި ރާއްޖޭގައި ހިމެނޭ ކެރެކްޓަރުންނަށް އެމީހުންނަށް ނިސްބަތްކުރެވޭ އެކި ކަހަލަ މަޖާ ނަންނަމުންވެސް ނަން ދީފައިވެއެވެ.

ފޮޓޯއަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ، އެ ކެރެކްޓަރގައި ޑރ.މުޢިއްޒުގެ ކެރެކްޓަރ އަޅާފައިވާ ފިޔާތޮށި ކުލައިގެ ޓައީ، ޑރ.މުޢިއްޒު ނިސްބަތްވާ ޕީއެންސީގެ ވިލު ނޫ ކުލައަށް ބަދަލުކުރުމަށް ކޮމެންޓްކޮށްފައެވެ. ޔާމިން ރަޝީދު ފައިނަލްކުރައްވާ ޑރ.މުޢިއްޒުއަށް މި ކެރެކްޓަރގެ ކުރެހުން އަރުވާފައިވަނީ، ޓައީގެ ކުލަ ވިލުނޫ ކުލައަށް ބަދަލުކުރެއްވުމަށްފަހުގައެވެ.

2008ވަނަ އަހަރު ހަދަންފެށި މާކަނާ ޝޯވްގެ، 300އަށްވުރެ ގިނަ އެޕިސޯޑް ދައްކާފައިވެއެވެ. އަދި މިހާރުވެސް ރާއްޖޭގެ ސިޔާސީ މަޞްރަހުގައި ހިނގާ ކަންކަމާއި، ޝައުގުވެރި އެތައް ވާހަކަތައެއް އެނިމޭޓެޑް އެޕިސޯޑްތަކުގެ ގޮތުގައި ގެނެސްދެއެވެ.