ޚަބަރު

ފޭސްބުކް އެކައުންޓް ހެކްކޮށްގެން ފައިސާ ހޯދުން އިތުރުވެއްޖެ، ސަމާލުވޭ!


  • ފައިސާ ފޮނުވުމުގެކުރިން އެމީހަކަށް ގުޅާ އެކަން ޔަގީންކުރުމަށް ބޭންކުން އިލްތިމާސްކުރޭ

  • ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްކަން ޔަގީން ކުރުމަށް ބޭންކުން އެދޭ

  • ބޭންކަށް އެންގުމަށްފަހު ފުލުހަށް މައްސަލަ ހުށަހަޅުމަށްވެސް ވަނީ ބުނެފައި

ފޭސްބުކް އެކައުންޓްތައް ހެކް ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ މިގޮތަށް ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓުތަކުން އެއެކައުންޓްތަކުގެ 'ފްރެންޑްސް ލިސްޓް'ގައި ތިބޭ ފަރާތްތަކަށް ފައިސާ ހޯދުމަށް މެސެޖްކޮށް، ފައިސާ ހޯދަމުންދާކަމަށެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއްކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެމީހަކަށް ގުޅާ އެކަން ޔަގީންކުރުން މުހިއްމުކަމަށެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްކަން ޔަގީން ކުރުމެވެ. އަދި ފައިސާ ފޮނުވިއްޖެނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށްވެސް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން ބީއެމްއެލްގެ ނަމުގައި، އެކައުންޓް އެކްޓިވޭޓްކުރުމަށް އެދި ފޭކް ލިންކެއް ހިމެނޭ އެސްއެމްއެސްތަކެއް ފޮނުވަމުންދާ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރެއެވެ. އަދި މިއެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމާއި ޕާސްވޯޑާއި، އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއްވެސް ހުށަހަޅާފައިވާ ކަމަށް ސައީދު ވިދާޅުވެއެވެ.

" ބީއެމްއެލްއިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ. މިގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަން. އަދި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުމަށް ތަކުރާރުކޮށް ދަންނަވަން" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށްފަހު މުދާ އަދި ފައިސާ އަނބުރާ ނުލިބޭ ކަމުގެ ޝަކުވާއާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް ބޭންކަށް ހުށަހަޅަމުންދާ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.