ޚަބަރު

އިންޑިއާ ސިފައިންނާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ މަޝްވަރާނުކުރައްވާ: ތަރުޖަމާނު


  • ރައީސް ނަޝިދު ވަނީ 75 ވަރަކަށް ސިފައިން ތިބެން ރުހޭނެކަމަށް ވިދާޅުވެފައި

  • އެހެން ވިދާލުވީ އިންޑިއާގެ ނޫހަކަށް ދެއްވި އިންތަރވިއުގައި

  • އެކަން އިންތިޚާބީ ރައީސްގެ އޮފީހުން ކުށްވެރިކުރައްވާ

  • އެއީ ޑރ.މުޢިއްޒާ މަޝްވަރާ ނުކުރައްވާ ދެއްކެވި ވާހަކަފުޅެއްކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އިންޑިއާގެ ނޫހަކަށް، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާއި ހަވާލާދެއްވާ ދެއްކެވި ވާހަކަފުޅު، އިންތިޚާބީ ރައީށްގެ އޮފީހުން ކުށްވެރިކޮފިއެވެ.

އިންޑިއާގެ :ދަ ހިންދޫ" ނޫހަށް ރައީސް ނަޝިދު ދެއްވި އިންޓަރވިއުއެއްގައި ވަނީ، ރާއްޖޭގައި ހެލިކޮޕްޓަރިތައް އޮޕަރޭޓުކުރުމަށް އިންޑިއާގެ ހަތްދިހަ ފަސްވަރަކަށް ސިފައިން ތިބެން އިންތިޚާބީ ރައީސް ހުރަސް ނާޅުއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅު ކުށްވެރިކުރައްވާ އިންތިޚާބީ ރައީސްގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބުމަށް، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ރުހިވަޑައިގަންނަވާ ފަދަ މޭރުމަކުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ނޫހަކަށް ބަސްދީގަތުމެއް ދެއްވާފައިވުމަކީ ކަންބޮޑުވުމެއްކަމަށެވެ. އަދި މި ވާހަކަތަކަކީ އެއްވެސް ވަރަކަށް އިންތިޚާބީ ރައީސާއި، މަޝްވަރާ ކުރައްވައިގެން ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ހަމައެހެންމެ، ޑރ. މުޢިއްޒުގެ ވެރިކަމެއްގައި އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް އެމަނިކުފާނު އެދިވަޑައި ނުގަންނަވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

"އެ ވާހަކަތަކަކީ އެއްވެސް ހާލެއްގައި އިންތިޚާބީ ރައީސާއި މަޝްވަރާ ކުރެވިގެން ދެކެވިފައިވާ ވާހަކަ ތަކެއް ނޫން. އިންތިޚާބީ ރައީސްގެ ސްޓޭންޑަކީ، އިންޑިއާގެ އިތުރުން އެއްވެސް ޤައުމެއްގެ ސިފައިންގެ އެންމެ ބޫޓު ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ހުރުމަކަށް ދުވަހަކުވެސް ނުރުހެވޭނޭ. އެއީ ދިވެހި ރައްޔިތުން ނިންމަވާފައިވާ ނިންމެވުން. އަދި އިންތިޚާބީ ރައީސްގެ ވަރަށް ސާފު ޞަރީޙަ ސްޓޭންޑުވެސް މެ." ތަރުޖަމާން ފިރުޒުލް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ބޭރު ޤައުމުގެ ސިފައިން ފޮނުވާލުމަކީ އިންތިޚަބީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެކަން ތަންފީޒްކުރުމާއި ގުޅޭގޮތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާ ސަފީރާ އިންތިޚާބީ ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޑިޕްލޮޮމަސީގެ ރިވެތި އުސޫލުން އެކަން ކުރެއްވޭނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވެފައިވެއެވެ.