ވިޔަފާރި

ދިރާގު ސަބްމެރިން ކޭބަލް މިމަހު ބަދަލުކޮށް ނިމޭނެ


މާލެއާއި ހުޅުލެ އަދި މާލެއާއި ވިލިމާލެއާއި ދެމެދު އަޅާފައިވާ ދިރާގުގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ލޭންޑިންގ ޕޮއިންޓް އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ދިރާގުން ހާމަކޮށްފިއެވެ.

ދިރާގުގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ލޭންޑިންގ ޕޮއިންޓް އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރަނީ، މި ކޭބަލްގެ ލޭންޑިންގ ޕޮއިންޓްތައް މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައިވާ ބީޗް މޭންހޯލްއާ ދިމާވަމުންދާތީކަމަށް ދިރާގުން ބުނެއެވެ. އަދި މިމަސައްކަތް ކުރަމުންދާއިރު، އޭގެ ސަބަބުން ދިރާގުން ދެމުންދާ ޚިދުމަތަކަށް ބުރުލެއް ނާރާނެ ކަމަށް ދިރާގުން ބުނެއެވެ.

މި މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފުންނާބު އުސް ކުންފުންޏެއް ކަމަށްވާ ހުއާވޭއާއި ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުނިން މި މަސައްކަތަށް ހާއްސަ ބޯޓު 'ފްލިންޓް ރިވަރ' އެ ސަރަހައްދަށް ގެނެސް މަސައްކަތް ފަށާފައިވާކަމަށް ދިރާގުން މައުލޫމާތުދެއެވެ.

އަދި މި މަސައްކަތްވެސް ކުރެވެމުން ދަނީ ތިމާވެށްޓާއި ގުޅުންހުރި ސާވޭތައް ކޮށްގެންކަމަށް ދިރާގުން ބުނެއެވެ. ދިރާގުގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލަކީ، ތިމާވެށްޓަށް ކޮށްފާނެ އެންމެހާ ނޭދެވޭ އަސަރުތައް ދިރާސާ ކުރުމަށް ފަހު އެޅިފައިވާ ކޭބަލެކެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ، 2012 ވަނަ އަހަރުގެ ތެރޭގައި މި ކޭބަލް އަޅާ ނިންމާ، ފުރިހަމައަށް ހިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.