ކުޅިވަރު

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އެމްޑީ އަކަށް ރައްޒާގު


މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ރަޖިސްޓްރީކޮށް، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުލް ރައްޒާގު އިބްރާހިމް އައްޔަންކޮށްފިއެވެ. 

މިއީ ކުޅިވަރުގެ ކަންތަށްތަށް ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރު އަމަލް ކުރަންފެށި ކުޅިވަރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންއެވެ. މިކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުލް ރައްޒާގު އިބްރާހިމް އައްޔަންކޮށްފައިވާއިރު، ރައްޒާގުގެ އިތުރުން މިބޯޑްއަށް އައްޔަންކޮށްފައިވާ އިތުރު ދެ މެމްބަރުންނަކީ ޒީޝާން އަބްދުއްރަހީމް އާ ޑރ. މަރިޔަމް ވަސީމާއެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުލް ރައްޒާގު އިބްރާހިމްއަކީ މީގެ ކުރިންވެސް ކުޅިވަރަށް އެކިއެކި ރޮގުރޮގުން ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް އަދި ދިވެހި ރެޑްކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް މަގާމްވެސް ރައްޒާގުވަނީ ފުރުށްވާފައެވެ.

 މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އަކީ ދިވެހި ސަރުކާރުން 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ އިތުރުން ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި މި ގާނޫނުގެ ދަށުން މިހާރު އުފައްދަން ނިންމާފައިވާ ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ. ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ ގުޅިގެން ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއަރުވާ ކޯޕަރޭޝަންގެ މަގުސަދުތައް ހާސިލްކުރުމަށް ގާނޫނުގައި ބުނާ ކޮންމެ ކަމެއް ކުރުމަކީ ވެސް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކޯޕަރޭޝަނަށް އާމްދަނީ ހޯދާނީ ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއިންނާ، ކުޅިވަރު ގާނޫނުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ މުދާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިންނާ، ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދަން މަސައްކަތް ކުރަމުންދާ މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ އެއާ ޓައިމް ވިޔަފާރި އުސޫލުން ވިއްކައިގެން ލިބޭ މަންފާގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކާއި ހިލާފުނުވާ ގޮތުގެ މަތިން ހިންގޭ ހަރަކާތްތަކުން ލިބޭ މަންފާއިން ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.