ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލް ސިފައިން، ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ހިނގަމުންދާ ޢުދުވާނީ ޙަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަތިޔާރު ނެތް ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިނގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރައްވާފައެވެ. އަދި ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައިކަމަށާއި ފަލަސްޠީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
މިނިވަން ދައުލަތެއް އޮތުމުގެ ޙައްގު ފަލަސްޠީނަށް ލިބިގެންވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ އެސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރުމަށް ފަލަސްޠީނުގެ ދައުލަތެއް އެކުލަވާލުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު ދިވެހި ސަރުކާރުންވަނީ މިކަން ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ. އަދި އިންތިޚާބީ ރައީސްވަނީ ހަރުކަށި އިސްރާއީލުގެ ސިފައިން އަތްގަދަކޮށްގެންފައިވާ ބިންތަކުން ފޭބުމަށްވެސް ގޮވާލައްވާފައެވެ. އިސްލާމި ދުނިޔޭގައި މިމައްސަލަގައި އަޑުއުފުލަމުންދާއިރު، މިފަހަރުގެ ޙަމަލާ އިސްވެ ޙަމާސްއިން ދިން ދިނުން ކުށްވެރިކޮށް ހުޅަނގުގެ ޤައުމުތަކުގެ ވެރިންގެންދަވަނީ ކުށްވެރިކުރައްވަމުންނެވެ.
އެހެންނަމަވެސް މިފަހަރުގެ ޙަމަލާތަކާއި ގުޅިގެން ފަލަސްޠީނުގައި ޙަރަކާތްތެރިވާ ޙާމާސް ޖަމާޢަތުގެ މުޖާހިދުން ހާމަކޮށްފައިވާގޮތުން މިއީ މުސްލިމުންގެ އެންމެ މުޤައްދަސް އެއް ބިނާކަމުގައިވާ އަލް-އަޤްޞާ މިސްކިތަށް މެދުކެނޑުމެއްނެތި ދެމުންދާ ޙަމަލާތަކާއި ފަލަސްޠީނުގެ ރައްޔިތުންނާއި މެދު ޢަމަލުކުރަމުންދާ ލާއިންސާނީ ޢަމަލުތަކަށް ކެތްނުވެގެން ފެށި ޙަމަލާތަކެއްކަމަށް ބުނެފައެވެ.
'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި ފެށި މި ޙަމަލާތަކުގައި މިހާތަނަށް އިސްރާއީލްގެ ކޮމާންޑަރަކު ޙަމަސް ޖަމާޢަތުންވަނީ މަރާލާފައެވެ. އަދި 200 އަށްވުރެ ގިނަ މީހުން އިސްރާއީލުން މަރާލާފައިވާއިރު 1000 އަކަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ފަލަސްޠީނުގެވެސް ޢާއްމުންނަށް އަމާޒުކޮށް އިސްރާއީލުން ބަދަލުގައި ދެމުންދާ ޙަމަލާތަކުގައި 200 މީހަކު ޝަހީދުކޮށްލާފައެވެ.