ޚަބަރު

މިއަދުގެ މޫސުން ދެކުނާއި މެދަށް ބޯކޮށް ވާރޭވެހޭނެ، އުތުރަށް ރަނގަޅު


  • - ވ އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ

  • - މިމަހު އާއްމުކޮށް ވާރޭވެހޭ މިންވަރު އިތުރުވާނެ

  • - މި ދުވަސްވަރު ފިނިހޫނުމިންވެސް މަތިވާނެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު ވ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

އެ އިދާރާއިން ވަނީ މިއަދުގެ ހެނދުނު 08:00 އިން ފެށިގެން 12:00 ގެ ނިޔަލަށް ވ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރުއްވާފައެވެ.

މެޓް އޮފީހުން ވިދާޅުވީ ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށްް ގުގުރުމާއި އެކު ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށްް ބޯކޮށްް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. އުތުރު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް އެ ސަރަހަށްދުގެ ރަށްތަކަށް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށްް މެޓް އޮފީހުން ވިދާޅުވެއެވެ.

ދެކުނާ އާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި ވިލާގަޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓައި 5 ފޫޓާއި ދެމެދުގައިކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

2023 އޮކްޓޫބަރގައި ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވާނެކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އަދި މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.