ޚަބަރު

ޤުދުސާއި ފަލަސްތީންގެ އެހެން ބިންތަކުން އިސްރާއިލުން ފައިބަން ދިވެހި ސަރުކާރުން ގޮވާލައިފި


  • ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ގޮވާލި

  • ރާއްޖެއިން އޮންނާނީ ފަލަސްތީންގެ ރައްޔިތުންނާއެކުކަމަށް ބަޔާނުގައި ވިދާޅުވި

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިގެންދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވިގެންކަަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމުގެ ޔަގީންކަން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ދެއްވާފައިވެއެވެ.

މި ބަޔާނުގައި ފަލަސްތީނު ހިފާފައި އޮތް އޮތުމާއި، މާތްވެގެންވާ ގުދުސްއަށް އަތްގަދަކުރުމަކީ ޣައިރު ޤާނޫނީ އަދި ގަބޫލުނުކުރެވޭ ކަމެއް ކަން އިއުލާނުކޮށް ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 200 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދުކޮށްލާފައެވެ. ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. މި ހަމަލަތަކުގައި ފަލަސްޠީނުގެ 1,600 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.