ޚަބަރު

އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓް އަންނަ އަހަރު ދޫކުރަން ފެށޭނެ: މިނިސްޓްރީ


  • އިންޓަރނޭޝަނަލް ޑްރައިވާސް ޕާމިޓް ހޯދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި

  • ޕާމިޓް ދެވޭނީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުން

  • މިހާރު ދިވެހިން ޖެހެނީ ޤައުމަކަށްގޮސް އެ ޤައުމެއްގެ ލައިސަންސަށް ބަދަލުކުރަން

އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓް އަންނަ އަހަރުގެ ތެރޭގައި ދޫކުރަން ފެށޭނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓް ހޯދުމަށް ހަދަންޖެހޭ ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވީ ރާއްޖޭގައި ދޫކުރާ ލައިސަންސަކީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ލައިސަންސަކަށް ހެދުމަށް ވަރަށް ކުރީންސުރެ މަސައްކަތްތައް ފެށްތެވިކަމަށެވެ.

ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކްގައި ރާއްޖެއިން ބައިވެރިވުމާއެކު އިންޓަރނޭޝަނަލް ޑްރައިވާސް ޕާމިޓް ހޯދުމަށްޓަކައި ޤާނޫނުތަކާއި ޤަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތއް ކުރަމުން އަންނަކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އިންޓަރނޭޝަނަލް ޕާމިޓް ދޫކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

މިހާރުގެ ހާލަތަށް ރިޢާއަތްކުރައްވާ ނަޒީރުވަނީ ބައެއް ޤައުމުތަކަށް ގޮސް ދިވެހި ލައިސަންސް އެ ޤައުމެއްގެ ލައިސަންސަށް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ޑްރައިވަރސް ޕަރމިޓް ރާއްޖެއަށް ލިބުމާއިއެކު ވިއެނާ ކޮންވެންޝަންގައި ބައިވެރިވެފައިތިބި އެހެން ޤައުމުތަކުގެ މީހުން ރާއްޖެއަށް އައިސް އުޅަނދު ދުއްވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޭރުން އަޅުގަނޑުމެންގެ ލައިސަންސް އޮވެ އިންޓަރނޭޝަނަލް ޕާމިޓް ލިބިގެންދާނެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އަޅުގަނޑުމެންގެ ލައިސަންސްގެ ތެރެއިން އިންޓަރނޭޝަނަލް ޕާމިޓްގައި ދުއްވޭނެ. މި އިމްޕލްިމެންޓް ވެގެންދިޔުމާއެކު ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ."ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓް ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް މިހާރު އެދެވޭނެއެވެ. އިންޓަރނޭޝަނަލް ޑްރައިވަރސް ޕާމިޓް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދެވޭނީ މިނިސްޓްރީން ދޫކޮށްފައިވާ އޭޒޯނުގެ ދާއިމީ ލައިސަންސް އޮންނަ ފަރާތްތަކަށެވެ. އަދި މި ހުއްދަ ދޫކުރެވޭނީ މިނިސްޓްރީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ކަމަށް މިނިސްޓްރީން ކަނޑައަޅާ މީހުންނަށްކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއެވެ.

މިގޮތުން ދޫކުރެވޭ އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓަކީ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968ގައި ބައިވެރިވެފައިވާ ޤައުމުތަކުގައި ޤަބޫލުކުރާނެ ޕަރމިޓެއް ކަމަށް ޓްރާންސްޕޯޓުން ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ލައިސަންސަކީ ބައިނަލްއަޤުވާމީގޮތުން ޤަބޫލުކުރާއެއްޗަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދިވެހިން ޢާއްމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭނެހެން ސަރުކާރުންވަނީ ބައެއް ޤައުމުތަކާއެކު އެއްބަސްވުންތައް ޤާއިމުކުރައްވާފައެވެ.