ކުޅިވަރު

ފޮސީޓާ ފޮނުވާލި ނަމަވެސް އެއީ މޮޅު ކޯޗެއް - އިލްޔާސް


ގައުމީ ވޮލީ ކޯޗް ސުންޓޮން ފޮސީޓާ ފޮނުވާލިނަމަވެސް، އޭނާގެ މަސައްކަތާމެެދު ވަރަށް ހިންހަމަޖެހޭކަމަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ނައިބް ރަޢީސް އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްޔާސް ވިދާޅުވީ މިވަގުތު ކޯޗް ސުންޓޮން ފޮސީޓާ ފޮނުވާލަަން ނިންމީ، މިމަހުގެ ފަހުކޮޅުގައި ކުރިން ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތް މިހާރު ޖޫންމަހަށް ފަސްވުމާ ގުޅިގެންނެވެ. އިލްޔާސް ވިދާޅުވީ ސެންޓަރަލް ޒޯން މުބާރާތް ފަސްވުމާ ގުޅިގެންނާ އެސޯސިއޭޝަންގެ މާލީ ހާލަތު ހުރި ގޮތުން ޖޫންމަހާ ހަމައަށް ކޯޗް ބެހެއްޓެން ނެތީކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. ސުންޓޮން ފޮސީޓާ އަކީ ވަރަށް ކެއްތެރި މަޑުމައިތިރި އަދި ޕްރެޝަރު މެޗްތަށްކުގައިވެސް މަޑުމައިތިރިކަމާއެކު އެކަންތަށްތަށް ހައްލުކުރުމަށް ދަންނަން ކޯޗްއެއްކަމަށް އިލްޔާސް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14587102036120.jpg|ގައުމީ ވޮލީ ކޯޗް ސުންޓޮން ފޮސީޓާ އައިއޯޖީގަ (ފޮޓޯ:އެމްއޯސީ)

ސެންޓްރަލް ޒޯން ވޮލީ މުބާރާތް ފަސްވުމާ ގުޅިގެން، މިހާރު ގައުމީ ޓީމްގެ ކަންތަށްތަށް ބަލަމުންދާނީ އެސިސްޓަންޓް ކޯޗް މުހައްމަދު ސާޖިދުގެ ބެލުމުގެ ދަށުންކަމަށް އިލްޔާސް ވިދާޅުވިއެވެ. ސެންޓްރަލް ޒޯން ވޮލީ މުބާރާތް ކައިރިވުމުން، ބިދޭސީ ކޯޗެއް ގެންނަން ބޭނުންވާނަމަ، ޓީމަށް ގެންނާނީ ފޮސީޓާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ފޮސީޓާގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ވޮލީ ޓީމްވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދާފައެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސެމީ ފައިނަލަށްވެސް ވޮލީ ޓީމްވަނީ ދަތުރުކޮށްފައެވެ. 

img:http://s3.psmnews.mv/images/660x400/14587102301679.jpg|ގައުމީ ވޮލީ ކޯޗް ސުންޓޮން ފޮސިޓަރ އައިއޯޖީގަ (ފޮޓޯ:އެމްއޯސީ)

 މިއަހަރުގެ ކުރީ ކޮޅުގައި އިންޑިޔާގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައިވެސް ރާއްޖޭގެ ގައުމީ ވޮލީ ޓީމްވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އަދި މިމަހުގެ ކުރީކޮޅު މެލޭޝިޔާގައި ކުރިއަށްދިޔަ އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ތިންވަނަވެސް ގައުމީ ވޮލީ ޓީމް ހޯދާފައިވަނީ ތައިލެންޑްގެ ސުންޓޮން ފޮސީޓާގެ އިރުޝާދުގެ ދަށުންނެވެ. ފޮސީޓާ ގައުމީ ވޮލީ ޓީމްއާ ހަވާލްވެފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގައެވެ.