ޚަބަރު

އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ


  • ފަރުވާ ދެމުންދަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކަށް

  • އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވިދާޅުވޭ

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

އައީޖީއެމްއެޗުން ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވެގެން މިރޭ 7.45 ހާއިރު ގެންދިޔަ މީހަކަށް އައިޖީއެމްއެޗްގެ އިމަރޖެންސީގައި ފަރުވާދެމުން އަންނަކަމަށެވެ. ފަރުވާދެމުން އަންނަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މިމީހާއަށް އިމަރޖެންސީގައި ފަރުވާ ދެމުން އަންނަތީ ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި އައިޖީއެމްއެޗުން ހާމަނުކުރައްވައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 7.40 ހާއިރު ބޮޑުތަކުރުފާނުމަގު ޗައިނާ އެމްބަސީ ކުރިމަތިން ސައިކަލަކާ ކާރެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިއެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންވެސް ހާމަނުކުރައްވައެވެ.

ސިނަމާލެ ބްރިޖް ހައިވޭ މަތީގައިވެސް މިއަދު ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މީގެ ތެރެއިން އެއް އެކްސިޑެންޓް ހިނގާފައިވަނީ 4 ކާރެއް ޖެހިގެން ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.