މިފްކޯއަށް މަސް ކިރުވައިގެން އައްޑޫސިޓީގެ މަސް ދޯންޏަކުން އެއް ދުވަހުގެ ތެރޭގައި 1.5 މިލިޔަން ރުފިޔާ ހޯދައިފިއެވެ.
އިއްޔެ މިފްކޯއަށް 60005 ކިލޯ ނުވަތަ 60 ޓަނުގެ މަސް ކިރުވާފައިވަނީ ސ.މަރަދޫ "ކޮންކޯޑް2" ކިޔާ މަސް ދޯންޏަކުންނެވެ. މިއީ މިފަހުގެ ތާރީޚެއްގައި މަސް ކިރުވައިގެން އެއް ދުވަސް ތެރޭގައި ދޯންޏަކަށް އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ. އެދޯނިން ވަނީ 9020 ކަނޑުމަސް ކިރުވާފައެވެ. އަދި 1.5 މިލިޔަން ރުފިޔާ ހޯދާފައިވާއިރު މަސް ކިރުވާފައިވަނީ 25 ރުފިޔާގެ ރޭޓުންނެވެ.
ކޮންކޯޑު-2 ދޯނިން ވަނީ މިދިޔަ މާރޗްމަހުވެސް ރެކޯޑެއް ޤާއިމްކޮށްފައެވެ. އެފަހަރު އެއް ދުވަހުން 62 ޓަނު މަސް ބާނައި އެއް މިލިއަން ދެހާސް ނުވަދިހަ ތިން ރުފިޔާ ހޯދާފައިވެއެވެ.
މީގެ ކުރިއަށް އެންމެ ގިނައިން މަސްބާނާ ކިރުވި ދޯނީގެ ގޮތުގައި އޮތީ ގދ.މަޑަވެލީގެ ޓީއެސް ލައިން ދޯންޏެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށް ކިރުވައި 971،584 ރުފިޔާ ހޯދާފައެވެ. އަދި 2021 ވަނަ އަހަރުވެސް އެ ދޯނިން ވަނީ ރެކޯޑް އަދަދަކަށް މަސްކިރުވާފައެވެ.
ދިވެހި މަސްވެރިންނަށް ހަމައަގު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، މިފްކޯއިން މަސް ގަންނަ އަގު މިދިޔަ ސެޕްޓެމްބަރުމަހުގެ 16ވަނަ ދުވަހު ވަނީ ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 17 ރުފިޔާގެ މަގުންނެވެ.
އެގޮތުން މިހާރު 1.5 ކިލޯއިން މަތީގެ އައިސް މަހާއި، ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 23 ރުފިޔާއަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ. އަދި މަސް ގަންނަ އަގު ބޮޑުކުރި ހިސާބުން މިހާތަނަށް 74 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ.