ޚަބަރު

އޭލެވެލް ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން މަޑުޖައްސާލައިފި


  • މިހާރު އޭލެވެލްގައި ކިޔަވައިދެމުން އަންނަނީ އެޑެކްސަލް ސިލަބަހަށް

  • މިދިޔަ އަހަރު އޭލެވެލް ސިލަބަސް ކޭމްބްރިޖްއަށް ބަދަލުކުރަން ނިންމި

  • ކޭމްބްރިޖް ސިލަބަހަށް މިދަނޑިވަޅުގައި ބަދަލުކުރަން ނުފެންނަކަމަށް މިނިސްޓްރީން ވިދާޅުވޭ

އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުނުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމަވައިފިއެވެ.

2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 24 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރު ފަށާ އޭ-ލެވެލްގައި ކިޔަވައިދޭނީ ކެމްބްރިޖް އިންޓަނޭޝަނަލްގެ ސިލަބަހަށް ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށްވެސް އޭރު މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިދަނޑިވަޅުގައި އެބަދަލު ގެނައުމަކީ ރަނގަޅު ކަމަކަށް ނުވާތީ އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން މަޑުޖައްސާލާފައިވާކަމަށެވެ. އަދި މިދިޔަ މަހު ފެށި އޭ ލެވެލްގައި ދަރިވަރުންނަށް ކިޔަވައިދޭނީވެސް ކުރީގައި ވެސް އޮންނަ އެޑެކްސެލް ސިލަބަހަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ކުރިން އޯ ލެވެލްއަށްވެސް ކިޔަވައިދެމުން ގެންދިޔައީ އެޑެކްސެލްގެ ސިލަބަހަށެވެ. ފަހުން ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށައި އިމްތިހާންވެސް ކެމްބްރިޖަށްވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އޭލެވެލްގެ ސިލަބަހަށް ބަދަލެއް އައިސްފައެއް ނުވެއެވެ.