ޚަބަރު

ހައިވޭގެ އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ނައިބު ރައީސްގެ އެހީތެރިކަން


  • އަނިޔާވި މީހާއާ ނައިބްރައީސް ގެންދެވީ ވާހަކަފުޅުދައްކަވަމުން

  • އެކްސިޑެންޓްވެފައި އޮތް މީހާއަށް އެހީތެރިވެ ވަޑައިގަންނަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފައި

މިއަދު ސިނަމާލެ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާލިބުނު މީހާއަށް ނައިބްރައީސް ފައިޞަލް ނަޞީމް އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

ހައިވޭގައި ހިނގި އެކްސްިޑެންޓްގައި އަނިޔާވެފައިވަނީ ފިރިހެނަކަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މާލެއިން ހުޅުމާލެއަށް ދާ ހައިވޭ އެކްސިޑެންޓް ހިނގި އިރު ނައިބު ރައީސް ފައިޞަލް ނަޞީމް ދަތުރުކުރައްވަމުން ގެންދެވީ ހުޅުމާލެއަށެވެ. އެކްސިޑެންޓްވެފައި އޮތް މީހާއަށް ނައިބު ރައީސް އެހީތެރިވެ ވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންނެވެ. އަދި މިވީޑިއޯއަށް ގިނަބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ.

އެ ވީޑިއޯގައި އެކްސިޑެންޓްވެ ވެއްޓިފައި އޮތް މީހާއާ ނައިބު ރައީސް ވާހަކަފުޅު ދައްކަވާ މަންޒަރު ފެނެއެއެވެ. އަދި އެއަށްފަހު އެމަނިކުފާނު ފޯނުން ކޮންމެވެސް މީހަކަށް ގުޅުއްވައިގެން ވާހަކަފުޅު ދައްކަވާ މަންޒަރު ވެސް ފެނެއެވެ. އަދި އެވަގުތު ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރުވެސް މިވީޑިއޯއިން ފެނެއެވެ. މައުލޫމާތުލިބޭ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގުޅުއްވާ އެމްބިއުލާންސް ގެންނެވީ އެމަނިކުފާނެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދެވެންދެން އެތަނުގައި ނައިބު ރައީސް މަޑުކުރައްވައިގެން ހުންނެވިއެވެ.

މީގެ ކުރިން ހިނގި ބައެއް އެކްސިޑެންޓުތަކުގައިވެސް އަނިޔާލިބުނު މީހުންނަށް އެމަނިކުފާނު ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

އިޖްތިމާއީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނައިބު ރައީސް ފައިސަލަކީ އެކްސިޑެންޓުތައް މަދު ކުރުމާއި ރޯޑް ސޭފްޓީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުކެވެ. މަގުމަތީގެ ރައްކާތެރިކަމަށް ނައިބު ރައީސް ބޮޑު އިސްކަމެއްދެއްވާއިރު އެމަނިކުފާނުގެ އެކިޖަލްސާތަކާއި ރަސްމިއްޔާތުތަކުގައި ދައްކަވާ ވާހަކަފުޅުތަކުގައިވެސް މަގުމަތީގެ ރައްކާތެރިކަމަށް ވަރަށްބޮޑަށް އަލިއަޅުއްވާލައްވާފައިވެއެވެ.