ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިލްތިމާސްކުރައްވައިފިއެވެ.
އެންޑީއެމްއޭއިން ހާމަކުރެއްވިގޮތުގައި މިވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެގެން ގެތަކަށް ގެއްލުންވެފައިވާ ކަމުގެ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައި ނުވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
އިއްޔެއާއި މިއަދު ބޯކޮށް ވާރެވެހުމުގެ ސަބަބުން ފެންބޮޑުވެގެން 4 ރަށަކުން އެންޑީއެމްއޭއަށް ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ޅ.ނައިފަރާއި ށ.ގޮއިދޫއާއި އއ.ފެރިދޫގެ އިތުރުން ބ.މާޅޮހެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ބުރާސްފަތިދުވަހު ޅ.ނައިފަރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެންބޮޑުވެ އާންމު ފަރުދުންގެ ދިރިއުޅުމަށް އަސަރުކުރިކަމަށެވެ. އަދި ށ.ގޮއިދޫއަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ރިޕޯޓްކުރިކަމަށެވެ. އެހެން ނަމަވެސް މި ދެރަށުން އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. މީގެ އިތުރަށް މިއަދު އއ.ފެރިދޫއާއި ބ.މާޅޮހުގައި ފެންބޮޑުވެގެން ރިޕޯޓްކުރިކަމަށެވެ. މީގެ ތެރެއިން ފެރިދޫގެ 2 ގޭގައި ފެންބޮޑުވިކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންނަަމަވެސް މީހުން ބަދަލުކުރަން ނުޖެހޭކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާ ރަށްރަށުގައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެލިބަސްތާ ޖެހުމަށް 1000 ގޯނި ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަން ފާހަގަކުރައްވާ އެންޑީއެމްއޭއިން ވަނީ ވާރޭވެހި ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް މެންދަމުގެ ވަގުތު ވާރޭ ވެހި ގޯތި ތެރެއަށާއި ގެއަށް ފެން ވަނުމުގެ ސަބަބުން ފަރުނީޗަރަށާއި ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކް ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ގެއަށާއި ގޯތިތެރެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާޖެހުމަށް އިލްތިމާސްކުރެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އެލާޓް މެސެޖްތައް ނެރޭ ސަރަހައްދުގެ ރަށްރަށަށް ގުޅާ 24 ގަޑިއިރު މޮނިޓަރކުރަމުންދާކަމަށާއި ރަށްރަށުންވެސް ފެންބޮޑުވާ ހާލަތްތަކުގެ މައުލޫމާތު އެންޑީއެމްއޭއަށް ފޯރުކޮށްދިނުމަށް އެއޮތޯރިޓީންވަނީ އެދިވަޑައިގެންފައި.
ވިއްސާރަ މޫސުމުގައި ލިބިދޭ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެންޑީއެމްއޭއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ކުރި ވިއްސާރައިގައ 4 ރަށަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 1.4 މިލިޔަން ރުފިޔާ އަރާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. މީގެ ތެރެއިން އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ގޭތެރޭގައި ހިފާ ގެންގުޅޭ ޒަރޫރީ ތަކެއްޗަށާއި ފަރުނީޗަރަށް ލިބުނު ގެއްލުން ތިންލައްކަ ރުފިޔާއަށްވުރެ ބޮޑުކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
ރަށްރަށުގައި ފެންބޮޑުވެ އާންމު ފަރުދުންގެ ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަޤްޞަދުގައި އާންމުކޮށް ވާރޭވެހި ފެންބޮޑުވާ 5 ރަށަކަށް މިއަހަރުގެ ތެރޭގައި ވަނީ ފެން ހިއްކާ ޕަންޕު ހަވާލުކުރައްވާފައެވެ. އަދި މިފެށޭ ހަފްތާގައި އިތުރު 13 ރަށަކަށް ފެންހިއްކާ ޕަންޕު ހަވާލުކުރުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ.
އެންޑީއެމްއީއިން ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 51 ރަށަކަށް 96 ޕަންޕު ހަވާލުކުރައްވާފައިވާކަމަށެވެ.