ޚަބަރު

މަސްގަންނަ އަގު ބޮޑުކުރިފަހުން މިހާތަނަށް 74 މިލިޔަން ރުފިޔާ ދޫކޮށްފި: މިފްކޯ


  • މިދިޔަ މަހުގެ 16 ވަނަ ދުވަހު މިފްކޯއިން ވަނީ މަސްގަންނަ އަގު ބޮޑުކޮށްފައި

  • ކުރިން މަސްގަންނަމުން ދިޔައީ 17 ރުފިޔާއަށް

  • މަސްގަން އަގު ބޮޑުކުރިފަހުން މިހާތަނަށް 3238.89 މެޓްރިކް ޓަނުގެ މަސް ކިރާފައިވޭ

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރިފަހުން މިހާތަނަށް 74 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ދިވެހި މަސްވެރިންނަށް ހަމައަގު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، މިފްކޯއިން މަސް ގަންނަ އަގު މިދިޔަ ސެޕްޓެމްބަރުމަހުގެ 16ވަނަ ދުވަހު ވަނީ ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 17 ރުފިޔާގެ މަގުންނެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި ސެޕްޓެމްބަރުމަހުގެ 16ގެ ފަހުން 1.5 ކިލޯއިން މަތީގެ އައިސް މަހާއި، ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަމުންދަނީ 23 ރުފިޔާއަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯއިން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރި މަޢުލޫމާތަށް ބަލާއިރު 25 ރުފިޔާއަށް މަސްގަންނަން ފެށިފަހުން މިހާތަނަށް 3238.89 މެޓްރިކް ޓަނުގެ މަސްވަނީ ކިރުވާފައެވެ. އަދި ހަތްދިހަ ހަތަރުމިލިޔަން އަށްސަތޭކަ ނުވަހާސް ހަސަތޭކަ ސާޅީސް ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

މިފްކޯއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ މެދާ ހަމައަށް އައިރު ޖުމުލަ 45751 މެޓްރިކް ޓަނުގެ މަސްވަނީ ކިރުވާފައެވެ. އަދި 760،483،852 (ހަތްސަތޭކަ ފަސްދޮޅަސް މިލިޔަން ހަތަރުސަތޭކަ އަށްޑިހަ ތިން ހާސް އަށްސަތޭކަ ފަންސާސް ދޭއް) ރުފިޔާ ވަނީ މަސްވެރިްނަނަށް ދޫކޮށްފައެވެ.

މިފްކޯއިން މަސް ގަނެވޭ ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިތުރަށް ތަރައްޤީކުރުމާއި، ގދ. ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ބަނދަރާއި ސްޓޯރޭޖް ބޮޑުކުރުމާއި، މ.މުލަކު މަސް ބަނދަރު ތަރައްޤީކުރުމާއި، ފެލިވަރު އިންފްރާސްޓަރަކްޗަރ ބަނދަރާއި، ކޭނަރީ އިތުރައް ތަރައްޤީކޮށް އެކްސްޕޯޓް ކުރެވޭގޮތް ހެދުމުގެ އިތުރުން އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މިފްކޯގެ ބޯޓުތަކުގައި މަސް ގަނެވޭ ކެޕޭސިޓީވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މަސްކިރުމަށް މިފްކޯއިން 2 ބޯޓު ގެނެސްފައިވާއިރު އިތުރު 3 ބޯޓު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށްފައިވާއިރު، ސަރުކާރުން ގެންދަވަނީ ރާއްޖެއިން ބޭރުކުރާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

އީ.ޔޫއަށް އެތެރެކުރާ ދިވެހި މަހުގެ އުފެއްދުންތަކުން މިހާރު އަންނަނީ %24ގެ ޓެކުސްއެއް ނަގަމުންނެވެ. އިޔޫގެ އިތުރުން ދަނީ އިޔޫއިން ވަކިވެފައިވާ ޔޫރަޕްގެ ޤައުމެއްކަމަށްވާ އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށްވެސް ސަރުކާރުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.