ކުޅިވަރު

ބެލްޖިއަމުގެ ރޯޔަލް ޔޫނިއަން ބަލިކޮށް ލިވަޕޫލް އެއްވަނައަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމުގެ ރޯޔަލް ޔޫނިއަން ބަލިކޮށް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ލިވަޕޫލެވެ. އަދި މި މެޗުން ބަލިވި ރޯޔަލް ޔޫނިއަނަށް ދެމެޗު ކުޅެގެން އެއް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް މިޑްފީލްޑަރު ރަޔާން ގްރެވެންބަރޗް އެވެ. މިއީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު އެލެގްޒެންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ލިވަޕޫލެވެ. އަދި މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތެއް ތަނަވަސްކޮށްފައެވެ.

ވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޯޓާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.